ރެއާލް މެޑްރިޑްގެ ކޯޗު ކަމުގެ މަގާމަށް އެންޓޯނިއޯ ކޮންޓޭ ގެންނަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާ އަތުން 1-5 އިން ރެއާލް ބަލިވެފައިވާއިރު، މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މިއަދުގެ ވަގުތެއްގައި ރެއާލްގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރި ހުލެން ލޮޕެޓެގީ މަގާމުން ވަކި ކުރާނެއެވެ. ރޭގެ މެޗުން ބަލިވުމުން ރެއާލް މިހާރު އޮތީ 14 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

ރިޕޯޓުތައް ބުނާގޮތުން ލޮޕެޓެގީ އަށްފަހު ރެއާލްގެ ކޯޗުކަމާ ދެން ހަވާލުވަނީ އިޓަލީ އަށް އުފަން ކޮންޓޭއެވެ. ކޮންޓޭ ރެއާލްގެ ކޯޗުކަމާއި ހަވާލުވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮންޓޭ އެންމެފަހުން ކޯޗުކޮށްދީފައިވަނީ ޕްރިމިއާ ލީގުގެ ޗެލްސީ އަށެވެ. ނަމަވެސް މިދިޔަ ސީޒަނަށްފަހު ޗެލްސީން ކޮންޓޭ ވަކި ކޮށްފައިވާއިރު އޭނާ މިވަގުތު ހުރީ ފުޓްބޯޅައިގެ ދާއިރާ އާއި ދުރުގައެވެ. ޗެލްސީ އާއެކު ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި ކޮންޓޭ ވަނީ އެ ކްލަބަށް ޕްރިމިއާ ލީގަކާއި އެފްއޭ ކަޕެއް ކާމިޔާބުކޮށްދީފައެވެ.

ޗެލްސީގެ އިތުރުން ކޮންޓޭ މީގެކުރިން ވަނީ ޔުވެންޓަސް އަށް ވެސް ކޯޗުކޮށްދީ އެ ކްލަބާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ރެއާލްގެ ކޯޗުކަމުން ލޮޕެޓެގީ ވަކި ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު، އެ މަގާމަށް ހަމަޖެއްސީ މިއަހަރުގެ ޖުލައި މަހުއެވެ.

ބާސާ އަތުން ރެއާލް ރޭ ބަލިވިއިރު މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ތިންވަނަ މެޗެވެ. އެންމެފަހުން ރެއާލް ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިވަނީ 2009 ވަނަ އަހަރުއެވެ.