އަހުމަދު ރިޒުވާން (ރިޒޭ)ގެ ހެޓްރިކާއެކު ކްލަބު އީގަލްސްއިން، ކްލަބު ގްރީން ސްޓްރީޓްސް ކޮޅަށް ހަތް ގޯލް ޖަހައިިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މިއަދު ގްރީންއާއި އީގަލްސް ވާދަކުރި މެޗު އީގަލްސްއިން ކާމިޔާބުކުރީ 7-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ރިޒޭ ހަތަރު ގޯލް ޖެހި އިރު، މުހައްމަދު ނާއިމް ވަނީ ދެ ގޯލް ޖަހައިފައެވެ. އީގަލްސްގެ އަނެއް ގޯލް ޖެހީ ހަސަން ރާއިފް (ހަންނަ) އެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، އީގަލްސްއިން އޮތީ އެންމެފަހުން ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައެވެ. އޭގެ ކުރިން ޖެހިޖެހިގެން ފަސް މެޗުގައިވެސް ރިޒޭ ހެޓްރިކްހަދާފައިވާ އިރު، އޭނާ ވަނީ ދުނިޔޭގެ ރެކޯޑަކާވެސް އަރާ ހަމަކޮށްފައެވެ. އެއީ ޖެހިޖެހިން އެންމެ ގިނަ މެޗުގައި ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރެކޯޑާއެވެ.

ގްރީންއާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗު ފެށިގެން ވަރުގަދަކޮށް ކުޅެމުން ދިޔައީވެސް އީގަލްސްއިންނެވެ. ކުދި ޕާސްތަކަކާއެކު އެޓީމުން ގްރީންގެ ޑިފެންސަށް ނުރައްކާ ކުރަމުންދިޔަ އިރު، ފުރަތަމަ ހާފްގެ ކުރީކޮޅުގައި ނާއިމް އަދި ރިޒޭގެ ހަމަލާތައްވެސް ފާހަގަކޮށްލެވުނެވެ. އެ ހަމަލާތައް ހުއްޓުވީ ގްރީންގެ ގޯލްކީޕަރު އިބްރާހީމް ލަބާންއެވެ.

މެޗުގެ 24 ވަނަ މިނެޓުގައި އީގަލްސްއިން ލީޑު ނެގިއެވެ. ގްރީންގެ ގޯލްކީޕަރާ ޑިފެންސާ ދެމެދު ރަނގަޅަށް ވާހަކަ ނުދެއްކިގެން ހެދުނު ގޯހެއްގެ ބޭނުންހިފާ ގޯލް ހުޅުވާލީ ރިޒޭއެވެ. ހަންނަގެ ހުރަސް ގްރީންގެ އޭރިއާގައި ފެނު ޖެހުމުން ރިޒޭ ގޯލަށް ވައްދާލީ ވަރަށް ބަލާލާފައެވެ.

އޭގެ މިނެޓެއްފަހުން އީގަލްސްއިން ލީޑު ފުޅާކުރިއެވެ. އަރިމަތިން ހަސަން ޝިފާއު (ކްރޯ) ދިން ރީތި ތުރޫ ޕާހެއް ރިޒޭ ގޯލަށް ވައްދާލީ، ގްރީންގެ ގޯލްކީޕަރު ލަބާން ކުރިއަށް ޖެހުނު ވަގުތު ބޯޅަ ޗިޕް ކޮށްލައިގެންނެވެ.

ގްރީންއާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އީގަލްސްއިން 2-0ގައި ފުރަތަމަ ހާފް ނިންމާލަން ދިޔަ އިރު، ހާފްގެ ފަހުކޮޅުގައި ގްރީންއަށް ވަނީ ފުލުފުލުގައި ޗާންސްތަކެއް ލިބިފައެވެ. އަހުމަދު ރިލުވާން (ރިލޭ)ގެ ހަމަލާ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ބިދޭސީ ފޯވަޑް ރޮލެންޑް ރަސެލްގެ ހަމަލާ އީގަލްސްގެ ޑިފެންޑަރު ބްލޮކް ކުރިއެވެ. އަދި އެ ހަމަލާގެ ރީބައުންސް ބޯޅަ އަލީ ސަމްދޫހު ކުރިއަށް ޖެހި ފޮނުވާލި ނަމަވެސް ބޭރުވީ އީގަލްސްގެ ޑިފެންޑަރު ފައިގައި ޖެހިފައެވެ.

ގްރީންއިން މިއަދުގެ މެޗަށް ނުކުމެފައި ވަނީ އެޓީމުގެ ބިދޭސީ ފޯވަޑް އަވީލާ ނުލައެވެ. އޭނާ ހުރީ އަނިޔާގައެވެ. އެހެން ނަމަވެސް ކުރީ މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެ ހުރި، ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) މިއަދުގެ މެޗުގައި ކުޅެފައިވެއެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށި އީގަލްސްއިން ހާފްގެ ކުރީކޮޅުގައި ލީޑު އިތުރަށް ފުޅާކުރިއެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ނާއިމް ފޮނުވާލި ހަމަލާ ގޯލްކީޕަރު ލަބާން ދިފާއުކުރި ނަމަވެސް ރީބައުންސް ބޯޅައިގައި ހަންނަ ވަނީ ބާރު ހަމަލާއެއް ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލާފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ނާއިމްގެ ބޯޅައިން ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. 4-0ގެ ލީޑެއްގައި އީގަލްސްއިން ކުޅެމުންދިޔަ ނަމަވެސް، ގްރީންއިން ވަނީ ހަމަލާތަކެއް އުފައްދާފައެވެ. ރަސެލްއަށް ހުސްކޮށް ލިބުނު ހަމަލާ އޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް، ދިފާއުކުރީ އީގަލްސްގެ ކެޕްޓަން، ލަންކާގެ ގޯލްކީޕަރު ސުޖާންއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ސަމްދޫހުގެ ހުރަހަކުން ރިޝްވާން (ފުކޭ) ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އީގަލްސްގެ ފަސްވަނަ ގޯލް މެޗުގެ 81 ވަނަ މިނެޓުގައި ނާއިމް ކާމިޔާބުކޮށްދިން އިރު، ހަވަނަ ގޯލްވެސް އޭގެ އިރުކޮޅެއްފަހުން ކާމިޔާބުކޮށްދިނީ ނާއިމްއެވެ. ނާއިމްގެ ފުރަތަމަ ގޯލަށް ހަންނަ ފުރުސަތު ތަނަވަސްކޮށްދިން އިރު، ދެވަނަ ގޯލް ޖެހީ ރިޒޭގެ ރީތި ޕާހަކުންނެވެ.

ގްރީންއާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ އިތުރު ވަގުތުގައި ރިޒޭ އޭނާގެ ހަތަރުވަނަ ގޯލްވެސް ކާމިޔާބުކުރިއެވެ. ރީތި ޕާސްތަކަކާއެކު އީގަލްސްއިން ތަނަވަސްކުރި ފުރުސަތު ރިޒޭ ނިންމާލީ ގޯލްގެ މަތީ ކަނަށެވެ.

މިއަދުގެ މެޗުން މޮޅުވެ އީގަލްސް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެޓީމަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ޓީސީ އޮތީ 11 މެޗުން 30 ޕޮއިންޓާއެކުގައެވެ. އީގަލްސްއަށްވުރެ މެޗެއް މަދުކޮށް ކުޅެ، 25 ޕޮއިންޓާއެކު މާޒިޔާ ތިންވަނައިގައި އޮތް އިރު، މާޒިޔާއިން މިރޭ ނުކުންނާނީ ފ. ނިލަންދުއާ ދެކޮޅަށެވެ.

ގްރީންއަށް 12 މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށްވުރެ މެޗެއް މަދުން ކުޅެ ނިއު ރޭޑިއަންޓުން ހަތަރުވަނައިގައި އޮތީ 21 ޕޮއިންޓާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭނަ

    މާޝާ ﷲ .ރިޒޭއަަކީ ދަނގަޑޭ ފަދައިން ރާއްޖޭގެ ނަަމްބަރ 1 އަށް ވުމުގެ ފުރުޞަތު އޮތް ކުޅުންތެރިއެއް.މަރުޙަބާ