ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ހެދި ހެޓްރިކާއެކު ފ. ނިލަންދޫ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު މާޒިޔާއިން ލީގު ތާވަލުގެ ދެވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ޓީސީއަށް މާޒިޔާއަށްވުރެ މެޗެއް މަދުން ކުޅެގެން 30 ޕޮއިންޓް ލިބިފައިވާ އިރު، 12 މެޗުން 26 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ކްލަބު އީގަލްސްއެވެ.

ލީގު ތާވަލުގެ ހަތަރުވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތް އިރު، ފަސްވަނައިގައި އޮތީ ގްރީން ސްޓްރީޓްސްއެވެ. 12 މެޗުން ހަތް ޕޮއިންޓާއެކު ނިލަންދޫ އޮތީ ތާވަލުގެ ފުލުގައެވެ.

މާޒިޔާއާއި ނިލަންދޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ އެފްއޭއެމް

މިރޭގެ މެޗަށް ނުކުތް އިރު، މިދިޔަ ހަފްތާގައި އީގަލްސް ބަލިކޮށް، މާޒިޔާ އޮތީ ރަނގަޅު ފޯމެއްގައެވެ. މާޒިޔާއިން ފަރާތުން މުޅި ޓީމަށް އެޓޭކަށް ސަމާލުކަން ދީގެން މެޗު ފެށި އިރު، ނިލަންދޫން ނުރައްކާ ކުރީ ކައުންޓާ އެޓޭކްގައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ނިލަންދޫއަށް ހުސް ފުރުސަތެއް ލިބިގެން ދިޔައެވެ.

ތުރޫ ބޯޅައަކަށް ހުސްކޮށް ވަދެ، ނިލަންދޫގެ ބިދޭސީ ފޯވަޑް ވޭކޫ ލޫކާސް ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެން ފެނުނީ މާޒިޔާގެ ހަމަލާތަކެވެ. އެޓީމަށް ފުރަތަމަ ކޮޅުގައިވެސް ގިނަ ފުރުސަތުތަކެއް ލިބިފައިވާ އިރު، ގޯލް ހުޅުވާލުން ވެގެންދިޔައީ އުނދަގޫ ކަމަށެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި އަބްދުﷲ ޖުނައިދު (ޖޭނޭ)އަށް ލިބުނު ހުސް ފުރުސަތު އޭނާ ބޭކާރު ކޮށްލި އިރު، އޭގެ ފަހުން އަސައްކޮއާއި ކޯނެލިއަސް ސްޓެވާޓަށް ލިބުނު ފުރުސަތުތަކުގައިވެސް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ފުލުފުލުން ތިން ހަމަލާއެއް މާޒިޔާއިން ފޮނުވާލިއެވެ. ނާއިޒް ހަސަން (ދާދު) ނެގި ކޯނަރަކުން އަމްދާން (އެންޑީ) އަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ކުރިއަށް ފޮނުވާލެވިފައިނުވާ އިރު، އެ ހަމަލާ ސާފުކޮށް ނުލެވިގެން އުޅެނިކޮށް ސަމޫހު އަލީ (ސަމުއްޓެ) ވަނީ އިތުރު ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. އެ ހަމަލާ މަތަކުރީ ނިލަންދޫގެ ގޯލްކީޕަރު ސޮބާހެވެ.

އޭގެ އިރުކޮޅެއްފަހުންވެސް އިސްމާއީލް އީސަ (މެސީ)އާއި ކޯނެލިއަސްގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. މާޒިޔާއިން ނިލަންދޫގެ ގޯލް ހުޅުވާލުމަށް ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް އެންމެފަހުން ގޯލް ހުޅުވާލީ މެޗުގެ 43 ވަނަ މިނެޓުގައެވެ. ވާތް ފަރާތު އަރިމަރިން ނިލަންދޫގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ކޯނެލިއަސް ނަގައިދިން ބޯޅަ، ފަސޭހަކަމާއެކު ގޯލަށް އެތެރެކޮށްލީ އަސައްކޮއެވެ.

މާޒިޔާއާއި ނިލަންދޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ އެފްއޭއެމް

އޭގެ ދެ މިނެޓްފަހުން މެސީގެ ގޯލާއެކު މާޒިޔާއިން ލީޑު ފުޅާކުރި އިރު، ހާފް ނިންމާލީ ދެ ގޯލްގެ ލީޑެއްގައެވެ. ހާފްގެ ފަހުކޮޅުގައި ޖެހި ދެ ގޯލާއެކު މާޒިޔާއިން ދެވަނަ ހާފް ފެށީ ވަރުގަދަކޮށެވެ. ރަނގަޅު ފޯމެއްގައި އެޓީމުން އެޓޭކްތައް އުފައްދަމުންދިޔަ އިރު، ހާފްގެ ފުރަތަމަ މިނެޓުގައި އަސައްކޮ ވަނީ އޭނާގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ.

އަސައްކޮގެ ގޯލަށް މާ ގިނައިރެއް ނުވެ، މެޗުގެ 49 ވަނަ މިނެޓުގައި މާޒިޔާއިން އިތުރު ގޯލެއް ޖެހިއެވެ. އޭރިއާ ރޮނގުގެ ކައިރިން ލިބުނު ހިލޭ ޖެހުން ގޯލް ކުރިމައްޗަށް މެސީ ހުރަސްކޮށްދިން އިރު، އެ ބޯޅަ ބޮލުން ގޯލަށް ފޮނުވާލީ ޑިފެންޑަރު އެންޑީއެވެ.

މިދިޔަ ސީޒަންގެ މާލޭ ލީގުގައި ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރުމަށްފަހު އެންޑީ ކުޅުމަށް އެނބުރި އައިތާ އަދި ގިނަދުވަހެއް ނުވެއެވެ. އެހެން ނަމަވެސް މާޒިޔާއިން އެންމެފަހުން ކުޅުނު ހަތަރު މެޗުގައިވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާ ކުރީގެ ފޯމަށް އައުމަށް ކުރަމުން އަންނަ މަސައްކަތަށް ހަލުވިކަމެއް ގެނުވާފައެވެ.

މާޒިޔާގެ ފަސްވަނަ ގޯލަކީ މެޗުގެ 59 ވަނަ މިނެޓުގައި ދާދު ޖަހައިދިން ހިތްގައިމު ގޯލެކެވެ. މެސީއާއެކު ވަންޓޫ ޕާހެއް ޖެހުމަށްފަހު، ނިލަންދޫގެ ތިން ޑިފެންޑަރުން ނައްޓާ އޭރިއާ ތެރެއަށް ވަދެ ދާދު ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ މަތީ ދާގަނޑަށެވެ.

މެޗުގެ 75 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންސުން ހެދި ގޯހެއްގެ ބޭނުންހިފައި، ނިލަންދޫގެ ލޫކަސް އެޓީމަށް ގޯލެއް ކާމިޔާބުކޮށްދިން އިރު، މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، އަސައްކޮ ވަނީ މާޒިޔާގެ ހަވަނަ ގޯލާއެކު އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މާޒިޔާއާއި ނިލަންދޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާވެސް ދެ މެޗު އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި ނިއުއިން ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ އޮންނަ މެޗުގައި ށ. ފޯކައިދޫ ނުކުންނާނީ ލީގުގެ އެއްވަނައިގައި އޮތް ޓީސީއާ ދެކޮޅަށެވެ.