ޓޮޓެންހަމްގެ މައްޗަށް 0-1 އިން ކުރި ހޯދާ ޕްރިމިއާ ލީގުގެ އެއްވަނަ މަގާމަށް މެންޗެސްޓަރ ސިޓީ އަލުން އަރައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 26 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ 21 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.

ޓޮޓެންހަމްގެ ހޯމް މެޗުތައް ކުޅެމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. ސްޓާލިން ދިން ޕާހަކުން މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒްއެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކޭން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ލީޑު ފުޅާކޮށްލާނެ ރަނގަޅު ފުރުސަތުތަކެއް ދެވަނަ ހާފްގައި ސިޓީގެ ޑޭވިޑް ސިލްވާ އާއި ސްޓާލިން އަށް ލިބުނުއިރު، އެޓީމުގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއެރޯ ފޮނުވާލި ދެ ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ. މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ޓޮޓެންހަމް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެރިކް ލަމޭލާއަށެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ލަމޭލާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

ލީގުގައި ސިޓީން 10 މެޗު މިހާތަނަށް ކުޅެފައިވާއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން އަށް މެޗުން ލިވަޕޫލް މޮޅުވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރޭގެ މެޗަކީ ލީގުގައި ޓޮޓެންހަމް ބަލިވި ތިންވަނަ މެޗެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. ޓޮޓެންހަމް ނިކުންނާނީ ވުލްވްސް އާއި ދެކޮޅަށެވެ.