ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު އޭނާ އަށް ހައްގުވާ ކަމަށް، ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަން އިއުލާންކޮށްފައިވާއިރު، ރޮނާލްޑޯ ވަނީ މީގެކުރިން މި އެވޯޑު ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. މި އެވޯޑު މިފަހަރު ހޯދައިފިނަމަ ރޮނާލްޑޯ ވެގެންދާނީ މި އެވޯޑު ހަވަނަ ފަހަރަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ "ފްރާންސް ފުޓްބޯލް" އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ ހަވަނަ ފަހަރަށް ބެލޮންޑިއޯ ހޯދަން ބޭނުންވާ ކަމަށާއި އަދި އެކަން ހާސިލުކުރުމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކަމަށް ގަބޫލުކުރާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

"ބެލޮންޑިއޯ އެވޯޑު ހޯދަން ބޭނުން ނުވެއޭ ބުނެފިނަމަ އެވާނީ ދޮގަކަށް. އެ އެވޯޑު ހާސިލުކުރަން މަސައްކަތް ވެސް އަހަރެން ކުރަން. އަހަންނަށް ހީވަނީ ބެލޮންޑިއޯ އެވޯޑު އަހަންނަށް ހައްގު ހެން" މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު ރޮނާލްޑޯ ބުންޏެވެ.

ރެއާލް އާއެކު މިދިޔަ ސީޒަނުގައި ރޮނާލްޑޯ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިފަހަރުގެ ބެލޮންޑިއޯ އެވޯޑު ހޯދުން އެންމެ ގާތީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗްއެވެ. އެގޮތުން މޮޑްރިޗް ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފީފާ އިން ހޮވި މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ރެއާލް އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް މޮޑްރިޗް އަދާކުރިއިރު މިދިޔަ ޖުލައި މަހު ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރުމުގައި ވެސް މޮޑްރިޗްގެ ހިއްސާ ބޮޑެވެ. އެގޮތުން ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މޮޑްރިޗްއެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ލިބޭ ކުޅުންތެރިއެއް އިއުލާންކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕެނަލްޑޯ

    މިގޮލާ ބުނި މަ ފުޓްބޯޅަ ކުޅެނީ އެވޯޑް ހޯދާކަށެއް ނޫނޭ.. އެކަމަކު އެނުލިބިގެން ތެޅި ފޮޅެނީ. ފެނަލްޑޯ

  2. މެސީ

    މެސީ?