އިނގިރޭސި ލީގު ކަޕްގެ ކުއާޓާފައިނަލްގައި ލަންޑަނުގެ ވާދަވެރި ދެ ކްލަބު ކަމަށްވާ އާސެނަލް އާއި ޓޮޓެންހަމް ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ކުއާޓާ އަށް އާސެނަލް ދަތުރުކުރީ ރޭ އަމިއްލަ ދަނޑުގައި ބްލެކްޕޫލްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

އާސެނަލްގެ ޒުވާން ބައެއް ކުޅުންތެރިންނަށް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިވާއިރު، މެޗުގެ 33 ވަނަ މިނެޓްގައި ތަޖުރިބާކާރު ޑިފެންޑަރު ސްޓެފަން ލީޗެސްޓެއިނާ ވަނީ އާސެނަލް އަށް ލީޑު ނަގާދީފައެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އާސެނަލް އިން މި ހާފުގައި ތަނަވަސްކޮށްފައިވާއިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްމިތްއެވެ. މި މެޗުގައި ބްލެކްޕޫލުން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޯ ކޯނާއެވެ.

ރޭގެ މެޗުގައި އާސެނަލްގެ ޒުވާން މިޑްފީލްޑަރު ގުއެންޑޯޒީ އާއި ބްލެކްޕޫލްގެ ގޯލު ކާމިޔާބުކޮށްދިނީ ކޯނާ އަށް ދެއްކި ރަތްކާޑާ އެކު މި ދެ ޓީމުން ވެސް މެޗު ނިންމާލާފައިވަނީ 10 ކުޅުންތެރިންނާ އެކުއެވެ.

މުބާރާތުގެ ކުއާޓާ އަށް ޓޮޓެންހަމް ދަތުރުކުރީ ރޭ ވެސްޓްހަމް ޔުނައިޓެޑާއި ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސޮންއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލޮރެންޓޭއެވެ.

މުބާރާތުގެ ކުއާޓާގައި އާސެނަލް އާއި ޓޮޓެންހަމް ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމު ބައްދަލުކުރާ އެ މެޗު އޮންނާނީ އާސެނަލްގެ ދަނޑުގައެވެ.

ކުއާޓާގައި އެހެން ޓީމުތައް ބައްދަލުކުރަން ޖެހުނު ގޮތަށް ބަލާއިރު ޗެލްސީ ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ. އަދި މެންޗެސްޓަރ ސިޓީ އާއި ފުލަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ބައްދަލުކުރާނީ ލެސްޓަ ސިޓީ އާއި ސައުތްހެމްޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މީގެއިތުރުން ބާޓަން ބައްދަލުކުރާނީ މިޑިލްސްބަރާއާއެވެ.

މުބާރާތުގެ ކުއާޓާފައިނަލް މެޗުތައް ކުޅޭނީ އަންނަ މަހުއެވެ.