ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޓީމުގެ އުފާފާޅުކުރުމުގެ ބައެއް ހަރަކާތްތައް އަދިވެސް ކުރިއަށްދާ އިރު، އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ބޯނަސް ފައިސާގެ ވާހަކައެވެ.

ޓީމުގެ ކުޅުންތެރިންގެ މުސާރައާއި ބޯނަސް ފައިސާގެ ކަންތައްތަކަށް ޑިލޭތަކެއް ކުރިމަތިވުމުން ކުޅުންތެރިންގެ ހިތްހަނުޖެހުމާއި ޝަކުވާވެސް މީޑިއާއަށް ހިއްސާ ކޮށްފައިވާ އިރު، އެންމެ އެކަށީގެން ވާވަރަށް ކުޅުންތެރިންނަށް މިފަހަރު ބޯނަސް ނުލިބޭ ކަމަށް ބުނެވިދާނެއެވެ.

މީގެ ކުރިން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރުގައެވެ. އޭރުގެ ޓީމު އައިސް ރާއްޖެއަށް ފޭބުމާއެކު ކޮންމެ ކުޅުންތެރިޔަކަށް ސަރުކާރުން ދެ ލައްކަ، އަދި ފަހުން އަމިއްލަ ކުންފުނިތަކުންވެސް ކޮންމެ ކުޅުންތެރިޔަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ބޯނަސްއަށް ދީފައިވެއެވެ. މީގެ 10 އަހަރު ކުރިއަށް ބަލާ އިރު، އެއީ ބޮޑު އަދަދެކެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާއިއެކު ކުޅުންތެރިންނާއި ދިވެހި ޓީމް އުފާ ފާޅުކުރުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބައިނަލްއަގްވާމީ މުބާރާތްތަކުން ރަން މެޑަލް ހޯދުމުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ ދޭން ޖެހޭ އިރު، އެ ފައިސާ ދޭން ޖެހެނީ އޮފިޝަލުންވެސް އެކުލެވޭ ގޮތަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން ފަހުން ބުނެފައި ވަނީ މިހާރު އެ އަދަދު 25،000 އަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަޑުތައް ފެތުރިފައިވާ ގޮތުން ޓީމުގައި ހިމެނޭ އޮފިޝަލުންނަށް ފައިސާ ދިނުމުގައި ކުޅުންތެރިންނާ ބޮޑު ތަފާތަކެއް ގެންގުޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮންމެއަކަސް ސާފް ޗެމްޕިއަންޝިޕް ހޯދުމުން ލިބޭ ފައިސާގެ 50،000 ޑޮލަރާއި ގައުމީ ޓީމުގެ މެއިން ސްޕޮންސަރު ބީއެމްއެލްއިން ގައުމީ ޓީމަށް ދިން ހަ ލައްކަ ރުފިޔާއާއެކު ކޯޗުންނާއި ކުޅުންތެރިންނަށްވެސް ބޯނަސްއެއް ލިބިފައިވާ އިރު، ގައުމީ ކޯޗު، ޕީޓާ ސެގަޓް ބުނެފައި ވަނީ އޭނާގެ ބޯނަސް ފައިސާ އެއްކޮށް ހަދިޔާ ކުރާނީ ކުޑަކުދިންގެ ހިޔާއަށް ކަމަށެވެ.

"ކުޅުންތެރިންނަށް ލިބޭ ބޯނަސްއެއް މަގޭ ކޯޗިން ސްޓާފުންނަށްވެސް ލިބެން ވާނެ. ޓީމަކީ އެއް ޓީމެއް. އެއީ އަހަރެންގެ ހިޔާލު. ގަތަރުން ފެށިގެންވެސް މުޅި ޓީމު އެކީއެކައްޗަކަށް މަސައްކަތް ކުރަމުން ދިޔައީ. ޓީމު އެކުވެ ހޯދި ކާމިޔާބީއެއް ކާމިޔާބީއަކީ. އަހަރެންގެ ބޯނަސް ދޭނީ ކޮންބަޔަކަށް ކަން ކުރިންވެސް އޮތީ ނިންމާފަ. ވިލިގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އަހަރެންގެ ބޯނަސް އެއްކޮށް ހަދިޔާ ކުރާނީ. މުބާރާތުން ލިބުނު ހުރިހާ ބޯނަސް ފައިސާއެއް ދޭނީ އެ ކުދިންނަށް. އެ ކުދިންގެ ހާލާ މެދުވެސް ވިސްނަން ޖެހޭ. އަހަރެން އަމިއްލައަށް ހަނދާނެއް ނުނެތޭނެ އަހަރެން އައިސް މިހުރީ ކޮންތާކުން ކަމެއް. އަހަރެން ކުޑައިރު، އަހަރެންގެ މަންމައާއި ބައްޕަވެސް އަހަރެން ދޫކޮށްލި. ފަގީރު ހާލުގައި އެތަކެއް އުނދަގޫތަކެއްގައި އުޅެގެން މިއަދު މިހުރި ހިސާބަށް އާދެވުނީ،" ސެގަޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސެގަޓް ބުނީ ކާމިޔާބީގެ ވަގުތުތަކުގައި އެންމެ މުހިއްމު ކަމަކީ، ފުރުސަތުތައް މަދު މީހުންނަށް ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށާއި، މެލޭޝިއާ މެޗަށްފަހު ކުޑަކުދިންގެ ހިޔާއަށް ސާފްގެ ޓްރޮފީއާއެކު ދިޔުމަށްވެސް އޭނާ ނިންމާފައިވާ ކަމަށެވެ. އަދި ޓީމަށް ލިބޭ ބޯނަސް ހަމަހަމަވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ކޯޗިން ސްޓާފުންނާއި ހުރިހާ އޮފިޝަލުންނަށްވެސް ކުޅުންތެރިންނާ އެއްވަރަށް ބޯނަސް ހައްގު ކަމަށް ސެގަޓް ބުންޏެވެ.

ސެގަޓަކީ މީގެކުރިން ޖޯޖިއާއާއި އަފްގާނިސްތާނުގައިވެސް މަސައްކަތް ކޮށްފައިވާ ކްރޮއޭޝިއާގެ ކޯޗެކެވެ. އޭނާ އަފްގާނުގެ އިތުރުން ޖޯޖިއާގައިވެސް ތަފާތު މަސައްކަތްތަކެއް ކޮށްފައިވާ އިރު، ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ މިއަހަރުއެވެ. ސެގަޓްގެ އިރުޝާދުގެ ދަށުން ރާއްޖެއިން ވާދަކުރި އެންމެ ފުރަތަމަ މުބާރާތަކީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ތަށި ރާއްޖެއިން ހޯދީ ފައިނަލްގައި ވަރުގަދަ އިންޑިއާ ބަލިކޮށްގެންނެވެ.