ގައުމީ މުބާރާތުގެ ފައިނަލްގައި ސީދާ ތިން ސެޓުން ސިފައިންގެ ކްލަބު ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ މުބާރާތް ކާމިޔާބު ކޮށްފިއެވެ.

މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ސިފައިން އަތުން ޕޮލިސް ވަނީ ބަލިވެފައެވެ. އެހެންކަމުން ރޭގެ މެޗުގައި ޕޮލިސް ކްލަބުގެ ފަރާތުން ފެނިގެންދިޔައީ ބަދަލު ހިފުމުގެ ވަރުގަދަ ރޫހެއްގައި ކުޅުނުތަނެވެ. ސީދާ ތިން ސެޓުން ރޭގެ މެޗު ޕޮލިސް ކްލަބުން ކާމިޔާބުކޮށްފައިވާ އިރު، މެޗުގައި ސިފައިންނަށް ދިމާވި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކޯޗު މުމްތާޒު ފާހަގަކުރީ އަނިޔާގެ މައްސަލައެވެ.

ރޭގެ ފައިނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ ޖެރީ

މެޗަށްފަހު މުމްތާޒު ބުނީ ރޭގެ މެޗަށް ނުކުތް އިރު، ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގައި ކަމަށާއި، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ކަކުލަށް އަނިޔާވެފައިވާއިރު، ޕާކިސްތާނުގެ ކުޅުންތެރިޔާ މުހައްމަދު ވަސީމް ހުރީ ހުން އައިސްފާ ކަމަށް މުމްޒާތު ބުންޏެވެ. އޭގެ އިތުރުވެސް އަނިލްވެސް އަނިޔާގައި ހުރުމުން އެ ކުޅުންތެރިންގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުން ނުފެނުނު ކަމަށްވެސް މުމްތާޒު ފާހަގަކުރިއެވެ.

ރޭގެ މެޗު ފެށުނީއްސުރެ ޕޮލިހުން ތަފާތު ރޫހެއްގައި ކުޅެމުން ދިޔަކަން ފާހަގަކޮށްލެވުނެވެ. ފުރަތަމަ ސެޓުގައިވެސް އެޓީމުގެ ޕާކިސްތާނު ކުޅުންތެރިޔާ މުރާޖު ޖޭހާނާއި އަލީ ހުޒާމް (ހުޒާންޓޭ)ގެ ބާރު ހަމަލާތަކެއް ފެނިގެންދިޔަ އިރު، ސެޓަރު ހުސައިން ވިޝާމް (ބުޅިކެ) މުޅި މެޗުގައިވެސް ފެނުނީ ތަފާތު މޮޅުކޮށެވެ.

ފެށުނީއްސުރެ ލީޑުގައި އޮވެ، ޕޮލިހުން ފުރަތަމަ ސެޓު ގެންދިޔައީ 25-16 އިންނެވެ. ދެވަނަ ސެޓުގައި އެނބުރި އައުމަށް ސިފައިން ހިތްވަރުލައިގެން ކުޅުނު ނަމަވެސް، ސެޓު ގެއްލިގެން ދިޔައީ ފަހ ވަގުތުގައެވެ. މުޅި ސެޓުގައި އެއްކޮށް ކަހަލަ ގޮތަކަށް ސިފައިން ލީޑު ކުރަމުން ދިޔަ އިރު، އާދަމް ނަސީމް (އެޑަމް)ގެ ކުޅުން ފާހަގަކޮށްލެވުނެވެ.

ރޭގެ ފައިނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ ޖެރީ

ސިފައިން އަތުން ސެޓުގެ ފަހު ވަގުތުން ޕޮއިންޓްތައް ގެއްލިގެން ގޮސް، ޕޮލިހުން ސެޓު ގެންދިޔައީ 23-25އިންނެވެ. ތިންވަނަ ސެޓަށް ނުކުތް އިރު، ސިފައިންގެ ރޫހު ވަރަށް ބޮޑަށް ދަށްވެފައިވާތަން ފެނުނެވެ. އަމިއްލައަށްް ގިނަ ގޯސްތަކެއް ހެދިތަން ސިފައިންގެ ޓީމުން ފެނިގެންދިޔަ އިރު، ހަސަން ނިލާމާއި ހުޒާންޓޭގެ ތަފާތު ކުޅުމަކާއެކު ޕޮލިހުން ފަސޭހަކަމާއެކު ސެޓު ގެންދިޔައީ 25-14އިންނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ޕޮލިހުގެ ހުޒާންޓޭ ހޮވުނު އިރު، ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިހުގެ ހުޒާންޓޭ، ޕާޓޭ، ބުޅިކެ، އާދަމް ފައިރޫޒް އަދި މުހައްމަދު ނައީމާއި ސިފައިން ކްލަބުގެ ހުސެއިން ސައީދު (ސޭންޑީ)ގެ އިތުރުން އެޑަމްއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ އާއީ ސްޕޯޓްސް ކްލަބްގެ އަރީޒް މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކްލަބުގެ ކޯޗު ހާލިދެވެ.

ރޭގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.