ފްރެންޗް ލީގުގައި ރޭ ލިލް 1-2 އިން ބަލިކޮށް ލީގުގައި ޖެހިޖެހިގެން ހޯދި 12 ވަނަ މޮޅާ އެކު ޕީއެސްޖީން 58 އަހަރުވީ ޔޫރަޕްގެ ރެކޯޑެއް މުގުރާލައިފިއެވެ.

ރޭގެ މޮޅާއެކު ޕީއެސްޖީން މުގުރާލާފައިވަނީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މިހާތަނަށް ސީޒަނެއްގެ ފުރަތަމަ 12 މެޗުން މޮޅުވި ފުރަތަމަ ޓީމުގެ ރެކޯޑެވެ. މި ރެކޯޑް މީގެކުރިން އޮތީ ޓޮޓެންހަމްގެ އަތުގައެވެ. އެ ޓީމުން ރެކޯޑް ހެދީ 1960-1961 ވަނަ އަހަރުގެ ސީޒަނުގައި ލީގުގެ ފުރަތަމަ 11 މެޗުން މޮޅުވެގެންނެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޕީއެސްޖީ މިހާރު އޮތީ 36 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 25 ޕޮއިންޓާ އެކު ލިލް އޮތްއިރު ތިންވަނައިގައި 22 ޕޮއިންޓާ އެކު އޮތީ މޮންޕެލިއޭއެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މެޗުގެ ފުރަތަމަ ގޯލު ޕީއެސްޖީ އަށް މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. އަދި އެޓީމުގެ ދެވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ. ލިލްގެ ހަމައެކަނި ގޯލުގެ މެޗުގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޕެޕޭއެވެ.

ލީގުގައި ކުޅުނު ފުރަތަމަ 12 މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު، އެޓީމުން ވަނީ މިހާތަނަށް ހަތް ފަހަރެއްގެ މަތިން ފްރެންޗް ލީގު ކާމިޔާބުކޮށްފައެވެ.

ލީގުގައި ޕީއެސްޖީ ދެން ބައްދަލުކުރާނީ މޮނާކޯއާއެވެ.