އަނިޔާގެ ސަބަބުން މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަނެއްކާވެސް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ޑި ބްރޭނާގެ ވާތު ފައިގެ ލިގަމެންޓަށް އަނިޔާވެފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުގެރޭ އިނގިރޭސި ލީގު ކަޕްގައި ފުލަމްގެ މައްޗަށް 2-0 އިން ސިޓީން ކުރި ހޯދި މެޗުގައެވެ. ޑި ބްރޭނާ އަށް އަނިޔާވެފައިވަނީ މެޗު ނިމެން ގާތްގަނޑަކަށް ތިން މިނެޓަށް ވެފައި ވަނިކޮށެވެ.

މި އަނިޔާއާ ގުޅިގެން ޑި ބްރޭނާ އިތުރު ޓެސްޓުތަކެއް ހަދާފައިވާއިރު ސިޓީން ބުނީ އަނިޔާއާ ގުޅިގެން ޑި ބްރޭނާ ސާޖަރީއެއް ހަދަން ނުޖެހޭ ކަމަށާއި ނަމަވެސް ފަހެއް ނުވަތަ ހަ ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުމުރުން 27 އަހަރުގެ ޑި ބްރޭނާ އަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ވަނީ އަނިޔާއެއް ވެފައެވެ. އެފަހަރު އަނިޔާވެފައިވަނީ ޑި ބްރޭނާގެ ކަނާތު ފައިގެ ލިގަމެންޓަށް ކަމަށްވާއިރު، އެ އަނިޔާއާ ގުޅިގެން އޭނާ ތިން މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗަކީ ސިޓީގެ ފުރަތަމަ އެގާރާގައި ހިމެނިގެން ޑި ބްރޭނާ ކުޅުނު ދެވަނަ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު