ރާއްޖެއިން މެލޭޝިއާ ދެކޮޅަށް ކުޅުނު އެކިވެރިކަމުގެ މެޗުން ބަލިވެއްޖެއެވެ.

މެލޭޝިއާގެ ބުކިޓް ޖަލީލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތްއިރު، މެލޭޝިއާ އޮތީ ވަރަށް ރަނގަޅު ތައްޔާރީތަކަކާއެކުގައެވެ. އާސިއާން ފުޓުބޯޅަ ފެޑަރޭޝަންގެ އޭއެފްއެފް ކަޕްގައި މެލޭޝިއާއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ކެމްބޯޑިއާއާ ދެކޮޅަށް މެލޭޝިއާއިން ނުކުންނަ އިރު، އެޓީމުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖޭގެ ޓީމުގެ ކުޅުންތެރިން ކްލަބު މެޗުތައް ކުޅުނު ނަމަވެސް، ކްލަބުތަކަށް ދިމާވެފައިވާ މާލީ ދަތިތަކާއެކު ކްލަބުތަކުން އެންމެ އެދެވޭ ގޮތުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މެޗުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓްވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

މިއަދުގެ މެޗަށް ރާއްޖޭގެ ޓީމުން ނުކުތީ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގައިވެސް ނެރުނު ފުރަތަމަ 11އާއި ދާދި އެއްގޮތް ފުރަތަމަ 11އަކާއެކުގައެވެ. އެހެން ނަމަވެސް، އެ މުބާރާތުގައި މޮޅަށް ކުޅެ، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަނިޔާގެ ސަބަބުން މިއަދުގެ މެޗު ސްކޮޑާއެކު ދަތުރުކޮށްފައި ނުވުމުން، އޭނާގެ ބަދަލުގައި ގޯލް ބެލެހެއްޓީ ޒުވާން ގޯލްކީޕަރު، މާޒިޔާގެ ހުސައިން ޝަރީފެވެ.

މެޗުގައި ރާއްޖޭގެ ފަރާތުން ކައުންޓާ އެޓޭކަށް ވިސްނައިގެން ފުރަތަމަ ކޮޅުގައި ކުޅުނުތަން ފެނުނު އިރު، މެލޭޝިއާއިން ކުޅެމުން ދިޔައީ ޑައިރެކްޓް އެޓޭކިން ކުޅުމެކެވެ. މެދުތެރެއިން ގިނަ ބޯޅަތަކެއް ކުރިއަށް ލައިގެން މެލޭޝިއާއިން ކުޅެން މަސައްކަތް ކުރި އިރު، ރާއްޖޭގެ ޑިފެންސުން ވަނީ ގިނަ ބޯޅަތަކެއް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި މެލޭޝިއާއަށް ގިނަ ކޯނަރުތަކެއް ލިބިފައިވާ އިރު، އެޓީމުން ވަނީ ކޯނަރުތަކުގައި ނުރައްކާވެސް ކޮށްފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި މެލޭޝިއާއިން ލީޑުވެސް ނެގިއެވެ. އަރިމަތިން ނަގައިދިން ހުރަސް އޭރިއާތެރޭގައި ހުރެ، މެލޭޝިއާގެ ކުޅުންތެރިޔާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ. ގޯލްކީޕަރު ހުސައިންއަށް ކުރެވޭނެ މަސައްކަތެއް ނެތެވެ.

އޭގެ އިރުކޮޅެއްފަހުން ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ)އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އޭނާގެ ފުރަތަމަ ހަމަލާ ޑިފެންސުން ބްލޮކް ކޮށް ބޭރުކޮށްލި އިރު، ދެވަނަ ހަމަލާ ގޯލާ އަމާޒެއް ނުވިއެވެ. އޭގެފަހުންވެސް މެޗުގެ ފުރަތަމަ ހާފްގައި އިތުރު ހަމަލާތައް ފެނިފައިވެއެވެ.

މިއަދުގެ މެޗު ބެލުމަށް މެލޭޝިއާގެ 50،000 ވަރަކަށް ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އިރު، ދެވަނަ ހާފްވެސް ރާއްޖެއިން ފެށީ ފުރަތަމަ ހާފެކޭ އެއްގޮތަށެވެ. ކައުންޓާ އެޓޭކްގައި ރާއްޖެއިން ނުރައްކާ ކުރި އިރު، މެލޭޝިއާގެ ހަމަލާތައް ހުއްޓުވުމަށް ރާއްޖޭގެ ޑިފެންސުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ރާއްޖޭގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައެވެ. ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޭދޫ އިއްބެ އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ދިފާއުކުރީ މެލޭޝިއާގެ ގޯލްކީޕަރެވެ. އޭގެ 10 މިނެޓްފަހުން މެލޭޝިއާއަށް ލިބުނު ކޯނަރުގައި ނުރައްކާ ކުރިއެވެ. އޭރިއާ ތެރޭގައި ހުރި މެލޭޝިއާގެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ފުރަތަމަ ފަހަރު ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ދިފާއުކުރި އިރު، ދެވަނަ ބޯޅަ ދިފާއުކުރީ ގޯލްކީޕަރު ހުސައިނެވެ.

ދެވަނަ ހާފްގައި ފުރަތަމަ ހާފަށްވުރެ ވަރުގަދަ ކުޅުމެއް ރާއްޖޭގެ ޓީމުން ފެނިފައިވާ އިރު، ރާއްޖެއިން ވަނީ ރަނގަޅު އެޓޭކްތަކަކަށް މަސައްކަތް ކޮށްފައެވެ. ދެވަނަ ހާފްގައި އަހުމަދު ރިޒުވާން (ރިޒޭ)އާއި ނާއިޒް ހަސަން (ދާދު)ވެސް ކުޅެން ނުކުމެފައިވާ އިރު، ރާއްޖޭގެ ކުރިއަށް ކުޅުނު ކުޅުންތެރިން ވަނީ މެލޭޝިއާގެ ޑިފެންސަށް ޕްރެޝަރު ކޮށްފައެވެ. އެގޮތުން ރިޒޭ ކީޕަރާ ގާތްކުރުމުން ހެދުނު ގޯހެއްގައި ދާދުއަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު މަތަކުރިއެވެ.

މެޗުގެ 79 ވަނަ މިނެޓުގައި މެލޭޝިއާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައެވެ. އޭރިއާ ބޭރުން މެލޭޝިއާ ކުޅުންތެރިޔާ ފޮނުވާލި ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ގޯލްކީޕަރު ހުސައިން ދިފާއުކޮށް ބޭރުކޮށްލި އިރު، އެ ބޯޅައިން ލިބުނު ކޯނަރުގައި މެލޭޝިއާ ލީޑު ފުޅާކުރިއެވެ.

ކޯނަރު ހުސައިން ކޮށް ބޭރުކޮށްލި ނަމަވެސް، ރީބައުންސްގައި މެލޭޝިއާގެ ސަފާވީ ރާޝިދު ވަނީ ގޯލަށް ވައްދާލާފައެވެ. މެޗުގެ ދެވަނަ ހާފްގައި ވާރޭ ވެހެމުން ދިޔުމުން ގޯލްކީޕަރަށް އެކަމުގެ އުނދަގޫވަނީ ފޯރާފައެވެ.

މެޗުގެ ފަހުކޮޅުގައި ރާއްޖޭގެ ޓީމުން ވަނީ ފޭދޫ އިއްބެގެ ބަދަލުގައި 17 އަހަރުގެ އަބްދުﷲ ޔާމީނަށްވެސް ފުރުސަތު ދީފައެވެ. އަދި ގޯލްކީޕަރު ހަސަން ތޮލާލާއި އަސަދުﷲ އަބްދުﷲވެސް މެޗުގެ ފަހު 10 މިނެޓުގައި ކުޅެފައިވާ އިރު، މެޗުގެ ފަހު މިނެޓުގައި ރާއްޖެއަށް ވަނީ ފަހި ދެ ފުރުސަތު ލިބިފައެވެ.

ރިޒޭގެ ހަމަލާ ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، އަސަދުﷲގެ ހަމަލާ މަތަކުރީ ގޯލްކީޕަރެވެ. އޭގެފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ނާއިމްވެސް ވަނީ ގޯލަށް ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާވެސް ދިޔައީ ގޯލްކީޕަރު އަތަށެވެ.

މެޗުގެ އިތުރު ވަގުތުގައި މެލޭޝިއާގެ ތިންވަނަ ގޯލެއްވެސް ޖެހިއެވެ، އެ ގޯލް ކާމިޔާބުކޮށް ދިނީ ސުމޭރާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތުއްޓޭ

    މެލޭޝިއާ ވަރުގަދަވި ގޮތެއް ބުނބަލަ ޝަމޫން، އާސިއާން ސަރަހައްދުގެ އެންމެ ދަށް ގައުމުތަކުގަ ހިމެނޭ އެ ގައުމު، އެކަމަކު އެންމެ ބޮޑު މީޑީއާ ހައިޕެއް އޮތް ތަން އެއީ، ވަރުގަދަ މާނަކުރާ ގޮތް ގޯސް

  2. ކޯޗް

    ބަދަލު ކީޕަރުގެ ފުރަތަމަ ބައިނަލްއަގްވާމީ މެޗު. ނުވީތާކަށް ރަގަޅު ފޯމެއްގަ ހުރި ރާއްޖޭގެ ގޯލްޖަހާ މެޝިނު އަޝްފާގު ނުލާ ދިޔައިމާ ދެން ބުނާނެ އެއްޗެއް ނެތް.

  3. ގޯސް

    ގުރުއަތު ނުލައި ތިކަމެއް ނުވާނެ.
    ޢަޝްފާގް ގެންދިޔަތަ މިފަހަރު ؟

  4. ޢީވް

    ނޮޓް އަ ސަޕްރައިސް ??‍♀️

  5. ައަސްފާގް

    އަސްފާގް ނުލާ ނުވާނެ އޮޅާލާ...