އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު މާކަސް ރަޝްފޯޑް ކާމިޔާބުކުރި ގޯލުން ބޯންމަތްގެ މައްޗަށް 2-1 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ. މި މެޗުން ބަލިވި ބޯންމަތަށް ވެސް 20 ޕޮއިންޓު ލިބިފައިވާ އެޓީމު އޮތީ ހަވަނައިގައެވެ. ބޯންމަތަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބޯންމަތް އިންނެވެ. ސްޓެނިސްލާސް ނަގައިދިން ހުރަހަކުން މި ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިލްސަންއެވެ. މި ގޯލަށްފަހު ވެސް ބޯންމަތުން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފްގައި ދަށް ކުޅުމެއް ޔުނައިޓެޑްގެ ފަރާތުން ފެނުނު ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖަ އެއްވަރުކޮށްފައެވެ. އެގޮތުން ސަންޗޭޒް ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެންތޮނީ މާޝިއަލްއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ޔުނައިޓެޑުން ދިޔައީ އަލުން ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝޯ ފޮނުވާލި ހަމަލާއެއް ބޯންމަތްގެ ކީޕަރު ބެގޮވިޗް ދިފާއުކުރިއިރު ރަޝްފޯޑް ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިފާއުކުރީ ބޯންމަތްގެ ޑިފެންޑަރު އަކޭއެވެ. މީގެއިތުރުން ހެރޭރާ ވެސް ނުރައްކާތެރި ހަމަލާއެއް ބޯންމަތްގެ ގޯލަށް ފޮނުވާލާފައެވެ.

މު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ އެންމެފަހު މިނެޓްގައި ރަޝްފޯޑް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށް އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. ރަޝްފޯޑް މި މެޗުގައި ކުޅެން އެރީ ދެވަނަ ހާފުގައެވެ.

މިއީ ލީގުގައި ޔުނައިޓެޑުން ޖެހިޖެހިގެން މޮޅުވި ދެވަނަ މެޗު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.