ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން އުނދަގޫތަކަކަށްފަހު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވެސް މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 24 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 20 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ރެއާލް މެޑްރިޑް އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ބާސާ ރޭ މޮޅުވީ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އާއި ބައްދަލުކޮށް 2-3 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާސާ އިން ކަމަށްވާއިރު މި ގޯލު މެޗުގެ 11 ވަނަ މިނެޓްގައި އަލްބާ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. ބާސާގެ މި ގޯލާއެކު ވަޔެކާނޯ އިން ކުޅުން ރަނގަޅު ކުރިއިރު އެޓީމުން ދިޔައީ ކައިރިކައިރީގައި ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓްގައި ޕޮޒޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނީ ވަޔެކޯނާ އިން ކަމަށްވާއިރު މެޗުގެ 57 ވަނަ މިނެޓްގައި ގާސިޔާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ބާސާ އަށް ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް މި ހާފުގައި ތަނަވަސްކުރެވޭ ގޮތް ވެފައި ނުވި ނަމަވެސް ދެވަނަ ހާފްގައި ކުޅެން އެރި ޑެމްބެލޭ ވަނީ މެޗުގެ 87 ވަނަ މިނެޓްގައި ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ސުއަރޭޒް ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށް މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މިއީ ބާސާ އިން ލީގުގައި ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ރެއާލް ބެޓިސްއާއެވެ.

ލީގުގެ ހަވަނައިގައި އޮތް ރެއާލް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ރެއާލް ވަލޮޑޮލިޑް އާއި ބައްދަލުކޮށް 2-0 އިންނެވެ.

އެހެން މެޗުތަކެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް ރެއާލް އަށް އެޓީމުގެ އެންމެ މޮޅު ކުޅުން ދެއްކޭގޮތް ނުވެފައިވާއިރު މި މެޗުގެ ދެވަނަ ހާފްގައި ވަލޮޑޮލިޑުން ފޮނުވާލި ދެ ހަމަލާއެއް ވަނީ ރެއާލްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައެވެ. އެ ފުރުސަތުތަކުގެ ބޭނުން ވަލޮޑޮލިޑަށް ނުހިފުނުއިރު މެޗުގެ 83 ވަނަ މިނެޓްގައި އުމުރުން 18 އަހަރުގެ ވިނީޝަސް ޖޫނިއާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ސާޖިއޯ ރާމޯސްއެވެ.

ރޭގެ މެޗުން ރެއާލް މޮޅުވިއިރު މިއީ ފަސް މެޗަށްފަހު ލީގުގައި ރެއާލް އަށް ހޯދުނު ފުރަތަމަ މޮޅެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އެއިބާއާއެވެ.