އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ ވޭން ރޫނީ އެޓީމަށް އަނެއްކާވެސް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ. ރޫނީ މިފަހަރު އެނބުރި އަންނަނީ އެޓީމަށް އެންމެފަހު މެޗު ކުޅެދިނުމަށެވެ.

އުމުރުން 33 އަހަރުގެ ރޫނީ ގައުމީ ޓީމަށް ހުއްޓާލިކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާ އެންމެފަހުން އެޓީމަށް މެޗެއް ކުޅެދިނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ މެޗުގައި ސްކޮޓްލޭންޑާއި ބައްދަލުކޮށް އިންގްލޭންޑް ވަނީ 3-0 އިން މޮޅުވެފައެވެ.

ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާ ރޫނީ އިނގިރޭސި ގައުމީ ޓީމަށް ކުޅެދޭ ފަހު މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ބައްދަލުކުރާނީ އެމެރިކާއާ ދެކޮޅަށެވެ. އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ އެކުވެރިކަމުގެ މެޗަކަށްވާއިރު މި މެޗުން ލިބޭ ފައިސާ ރޫނީގެ ފައުންޑޭޝަނަށް ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

"ދަ ވޭން ރޫނީ ފައުންޑޭޝަން އިންޓަނޭޝަނަލް" ގެ ނަމުގައި ކުޅޭ މި މެޗު ވެގެންދާނީ އިނގިރޭސި ގައުމީ ޓީމަށް ރޫނީ ކުޅެދޭ 120 ވަނަ މެޗަށެވެ.

"ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސި ގައުމީ ޓީމަށް އަނެއްކާވެސް މެޗެއް ކުޅެދޭން އަހަރެން މިހުރީ ވަރަށް ޝައުގުވެރިވެފައި. މިފަދަ ފުރުސަތެއް ދިނީތީ އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓަށާއި އެފްއޭ އަށް ޝުކުރު އަދާކުރަން" އެމެރިކާގެ ޑީސީ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ރޫނީ ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުމަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށާއި އެޓީމަށް 120 ވަނަ މެޗު ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށްވެސް ރޫނީ ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ރޫނީ މީގެކުރިން ކޮށްފައިވާއިރު އޭނާ އަކީ އެޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އެގޮތުން ރޫނީ ވަނީ އެޓީމަށް 53 ލަނޑު ކާމިޔާބުކޮށްދީފައެވެ.