ޕީއެސްޖީ އާއި 1-1 އިން އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ އަށް ނަޕޯލީ އަރައިފިއެވެ.

ރޭގެ ނަތީޖާއާއެކު ނަޕޯލީ ގްރޫޕް ސީގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކުއެވެ. ދެވަނައިގައިި އޮތް ލިވަޕޫލަށް ވެސް ހަ ޕޮއިންޓު ލިބިފައިވާއިރު ނަޕޯލީ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް އިން ކުރި ލިބޭތީއެވެ. ގްރޫޕްގެ ތިންވަނައިގައި ފަސް ޕޮއިންޓާ އެކު ޕީއެސްޖީ އޮތްއިރު ގްރޫޕްގެ ފުލުގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރެޑް ސްޓާ ބެލްގްރޭޑްއެވެ.

ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕީއެސްޖީންނެވެ. އެގޮތުން ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އެމްބާޕޭ ދިން ޕާހަކުން މި ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ބާނެޓްއެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ނަޕޯލީ އަށް ލިބުނު ޕެނަލްޓީއަކުން އިންސިންޔޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ދެވަނަ ހާފްގައި ނަޕޯލީގެ މާޓެންސް އަށް ލިބިގެން ގޮސްފައިވީ ނަމަވެސް އޭނާ ފޮނުވާލި ހަމަލާތައް ޕީއެސްޖީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ޕީއެސްޖީ އަށް އެމްބާޕޭ އަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވީ ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް އޮތްއިރު، ގްރޫޕް ސްޓޭޖުގައި ނަޕޯލީ ދެން ބައްދަލުކުރާނީ ބެލްގްރޭޑާއެވެ. އަދި ޕީއެސްޖީ ނިކުންނާނީ ލިވަޕޫލް އާއި ދެކޮޅަށެވެ.