ޗެމްޕިއަންސް ލީގުގައި ރޭ ސާބިޔާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން 2-0 އިން ލިވަޕޫލް ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ގްރޫޕް ސީގެ ދެވަނައިގައި ހަ ޕޮއިންޓާ އެކުއެވެ. އެ ގްރޫޕްގެ އެއްވަނައިގައި އޮތް ނަޕޯލީ އަށް ވެސް ހަ ހަ ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ގްރޫޕްގެ ކުރި ލިބެނީ ހެޑް ޓު ހެޑް އިން ކުރި ލިބޭތީއެވެ. ގްރޫޕްގެ ތިންވަނައިގައި ފަސް ޕޮއިންޓާ އެކު ޕީއެސްޖީ އޮތްއިރު ގްރޫޕްގެ ފުލުގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރެޑް ސްޓާ ބެލްގްރޭޑްއެވެ.

ސާބިޔާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ބެލްގްރޭޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 22 ވަނަ މިނެޓްގައި ޕަވްކޯވް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ހަ މިނެޓްފަހުން ބެލްގްރޭޑްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޕަވްކޯވް ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ލިވަޕޫލް އިން ކުޅުނުއިރު މި ހާފުގައި ބެލްގްރޭޑްގެ ގޯލަށް ނުރައްކާ ކުރަން އެޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލިވަޕޫލް އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބެލްގްރޭޑްގެ ޑިފެންޑަރުންނާއި ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުން ބަލިވި ނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމުގެެ ފުރުސަތު ލިވަޕޫލް އަށް އަދި އޮތްއިރު އެޓީމު ދެން ބައްދަލުކުރާ ޕީއެސްޖީއާއެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ނިކުންނާނީ ނަޕޯލީ އާއި ދެކޮޅަށެވެ.