ކަރީމް ބެންޒެމާ ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން 200 ވަނަ ގޯލާއެކު، ޗެމްޕިއަންސް ލީގުގައި ރޭ ވިކްޓޯރިއާ ޕްލެޒެންގެ މައްޗަށް 5-0 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު 9 ޕޮއިންޓާ އެކު ރެއާލް މިހާރު އޮތީ ގްރޫޕް ޖީގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ރޯމާ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ރެއާލް އަށް ކުރި ލިބެނީ ހެޑް ޓު ހެޑުން ކުރި ލިބޭތީއެވެ. ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު ސީއެސްކޭއޭ މޮސްކޯ އޮތްއިރު ގްރޫޕްގެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާ އެކު އޮތީ ޕްލެޒެންއެވެ.

ޕްލެޒެންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މިއީ އޭނާ ރެއާލް އަށް ކާމިޔާބުކޮށްދިން 200 ވަނަ ގޯލު ކަމަށްވާއިރު، ބެންޒެމާ ވެގެން ގޮސްފައިވަނީ 200 ގޯލު ކާމިޔާބުކުރި ރެއާލްގެ ހަތްވަނަ ކުޅުންތެރިޔާ އަށެވެ.

ބެންޒެމާ ގޯލު ކާމިޔާބުކުރިތާ ތިން މިނެޓްފަހުން ކަސެމެއިރޯ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ގެރެތް ބޭލް ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ރެއާލްގެ ފަސްވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ޓޯނީ ކްރޫސް ކާމިޔާބުކޮށްދިންއިރު، މި ހާފުގައި ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ރެއާލް އިން ވަނީ ތަނަވަސްކޮށްފައެވެ.

ރޭގެ މެޗުން ރެއާލް މޮޅުވިއިރު މިއީ އެޓީމުގެ ވަގުތީ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅެ ޖެހިޖެހިގެން ރެއާލް އިން ހޯދި ތިންވަނަ މޮޅެވެ.