މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ މިޑްފީލްޑަރު ރަހީމް ސްޓާލިން އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ސްޓާލިން އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފައިވަނީ 2023 ވަނަ އަހަރާއި ހަމައަށް އެ ކްލަބުގައި ހުރުމަށެވެ. އާ ކޮންޓްރެކްޓާ އެކު ސްޓާލިން އަށް ހަފްތާއަކު 300،000 ޕައުންޑު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްޓާލިން ސިޓީއާއެކު ކުރިން ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށްފަހު ހަމަވާނެއެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ސްޓާލިން ބުނީ ސިޓީގައި އޭނާ އަށް ލިބުނު ކުރިއެރުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެ ކްލަބަށް އައުމަކީ އޭނާގެ ކެރިއަރުގައި ނިންމުނު ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"ކޮންމެ ސީޒަނެއްގައި ވެސް އަހަރެން ބޭނުންވޭ ކުރީ ސީޒަނަށް ވުރެ ކަންތައްތައް ރަނގަޅުކޮށް އިތުރު ކުރިއެރުންތައް ހޯދަން. މި ކްލަބުގައި މިހުރި ވަސީލަތްތަކަށް ބަލާއިރު އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. މި ކްލަބުގައި ހުރި ކޯޗާއި ކުޅުންތެރިންނަށް ބަލާއިރު އިތުރު ކުރިއެރުންތައް ހޯދަން ވެސް ބަރާބަރު މާހައުލެއް އެބައޮތް" ސްޓާލިން ބުންޏެވެ.

ސްޓާލިއަން ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު 49 މިލިއަން ޕައުންޑުގެ އަގަކަށެވެ. ސްޓާލިއަން ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 151 މެޗުގައި 48 ގޯލު ކާމިޔާބުކޮށްދީފައެވެ. ސިޓީން މިދިޔަ ސީޒަނުގައި 100 ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.