މެންޗެސްޓަރ ސިޓީ ހުއްޓުވާނެ ގޮތް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އަށް އެނގޭ ކަމަށް އެޓީމުގެ މިޑްފީލްޑަރު ނެމަންޔާ މަޓިޗް ބުނެފިއެވެ.

ޕްރިމިއާ ލީގުގައި މާދަމާ ރޭ ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރާއިރު، ސިޓީ މިވަގުތު އޮތީ 29 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ޔުނައިޓެޑް އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ. މި ދެ ޓީމު ޕްރިމިއާ ލީގުގައި އެންމެފަހުން ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑުންނެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީގެ ދަނޑުގައި ކުޅުނު އެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ފަހަތުން އަރާ 3-2 އިންނެވެ.

މާދަމާ ރޭގެ މެޗުގެކުރިން ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މަޓިޗް ބުނީ އެ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި ސިޓީ އަކީ މޮޅު އަދި އެހާމެ މޮޅު ފުޓްބޯޅަ އެއް ކުޅޭ ޓީމެއް ކަމަށެވެ. ސިޓީން ކޮންމެ މެޗެއްގައި ގިނަ ގޯލުތަކެއް ކާމިޔާބުކުރާކަން ފާހަގަކުރަމުން މަޓިޗް ވަނީ ޔުނައިޓެޑްގައި ވެސް ފެންވަރު ހުރިކަން ފާހަގަކޮށްފައެވެ.

"ސިޓީގެ އެޓޭކުތައް އަހަރުމެން ޖެހޭނެ ހުއްޓުވަން. އެކަން ކުރާނެ ވަކި ގޮތެއް އޮވޭ. އެކަން ކޯޗަށް (މޮރީނިއޯ) އިނގޭނެ. އަހަރުމެން މި މެޗަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވާނަން. މިއީ ޑާބީ މެޗެއް، އެހެންވީމަ އުނދަގޫ ވާނެ. މިކަހަލަ ވާދަވެރި މެޗެއްގައި ކޮންމެ ގޮތެއް ވެސް ހަމަ ވެދާނެ" ސާބިޔާ އަށް އުފަން މިޑްފީލްޑަރު ބުންޏެވެ.

މާދަމާ ރޭގެ މެޗަށް ނިކުންނައިރު ސިޓީ އާއި ޔުނައިޓެޑް ވެސް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެގޮތުން އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އެގޮތުން އެންމެފަހުން ޔުނައިޓެޑް މޮޅުވީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ބައްދަލުކޮށް 2-1 އިންނެވެ. އަނެއްކޮޅުން ސިޓީން ވަނީ އެންމެފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފައެވެ. މީގެތެރެއިން ދެ މެޗެއްގައި ސިޓީން ވަނީ ހަ ގޯލު އިދިކޮޅު ޓީމު ކޮޅަށް ޖަހާފައެވެ.

ސިޓީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މާދަމާ ރޭ ރާއްޖެގަޑިން 9:30 ގައެވެ.