ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް ހުރި މެޗުތައް ފަސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ލީގު މެޗުތައް ފަސްކޮށްފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ފުޓްބޯޅަ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާތީއެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގަލޮޅު ފުޓްބޯޅަ ދަނޑު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނަގާފައިވާ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހުއްދަ އާއި ނުލައި ދަނޑަށް ވަނުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެހެންކަމުން މި އެސޯސިއޭޝަނުން މިހާރު ކުރިއަށްގެންދާ ދިރާގު ދިވެހި ޕްރިމިއާ ލީގު ފުޓްބޯޅަ މުބާރާތުގައި 11 ނޮވެމްބަރު އަދި 12 ނޮވެމްބަރު ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް މިހާރު ވަނީ 21 ނޮވެމްބަރު އަދި 22 ނޮވެމްބަރަށް ބަދަލުކޮށްފައެވެ" އެފްއޭއެމް އިން ބުންޏެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނުގައި ވަނީ އެކިއެކި ސަބަބުތަކަށްޓަކައި ގަލޮޅު ދަނޑު ސަރުކާރުގެ ބޭނުންތަކަށް ނަގަމުންދާތީ، މުބާރާތްތައް ނިންމަން އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ތާރީހުތަކަށް ވުރެ ލަސްވަމުންދާތީ ޓީމުތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް ބުނެފައެވެ.

އެފްއޭއެމް އިން މިހެން ބުނެފައިވާއިރު މިއަހަރުގެ ފުޓްބޯޅަ ސީޒަން އެކިއެކި ސަބަބުތަކާ ހުރެ ލަސްވެފައިވާތީ އެ އިދާރާ އިން ވަނީ އެފްއޭކަޕް ވެސް ނުބާއްވަން ނިންމާފައެވެ. މީގެއިތުރުން ސީޒަން ދިގުވާތީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.