ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން، ގުދުސްގެ މަސްޖިދުލް އަގްސާ މިސްކިތަށް ޒިޔާރަތްކޮށްފިއެވެ.

ގައުމީ އަންހެން ޓީމު އަގްސާ މިސްކިތަށް ޒިޔާރަތްކޮށްފައިވަނީ އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން ޓޯނަމަންޓުގެ ފުރަތަމަ ބުރުގެ މެޗުތަކަށް ފަލަސްތީނަށް ކުރި ދަތުރުގައެވެ.

އަގްސާ މިސްކިތަށް ޒިޔާރަތް ކުރުމުގެ ގޮތުން ގައުމީ އަންހެން ޓީމުން ވަނީ އަގްސާ މިސްކިތް ކައިރީގައި ހުންނަ "ޑޯމް އޮފް ދަ ރޮކް" މިސްކިތަށް ވެސް ޒިޔާރަތްކޮށްފައެވެ.

މަސްޖިދުލް އަގްސާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާ އެވެ. ޔަހޫދީން ބުނަމުން އަންނަނީ އެމަތިވެރި މިސްކިތަކީ އެމީހުންގެ ފައްޅިއެއް ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިސްރާއީލުގެ ގަދަބާރުގެ ދަށަށް ގެނައީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އަދި ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ ސަރުކާރުން މީގެކުރިން ވަނީ ނިންމާފައެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން ފަލަސްތީނު ރައްޔިތުންގެ ނުރުހުން އެމެރިކާ އަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ މި ނިންމުމަކީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހަ އަށް ކުރަމުންދާ މަސައްކަތަށް ވެސް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

ކިޔުންތެރިންގެ ހިޔާލު