ޗެމްޕިއަންސް ލީގުގެ ފެވަރިޓުންނަކީ ސްޕެއިންގެ ރެއާލް މެޑްރިޑް ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށް ރެއާލް އިން އަމާޒު ހިފާފައިވާއިރު ފްރާންސްގެ ޕީއެސްޖީ ކަޓުވާލުމަށްފަހު މިދިޔަ ހަފްތާގައި އެޓީމު ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ.

ޓޮޓެންހަމް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ޔުވެންޓަސް ވެސް ދަތުރުކޮށްފައިވާއިރު އެޓީމު ކޯޗު އެލެގްރީ ވަނީ ކުއާޓާގައި ބާސެލޯނާ ނުވަތަ ރެއާލް އާއި ނުޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.

އަދި މި މުބާރާތަށް ރެއާލް އިން ހާއްސަ ސަމާލުކަމެއް ދޭ ކަމަށާއި މުބާރާތުގެ ފެވަރިޓުންނަކީ ވެސް އެޓީމު ކަމަށް ވެސް އެލެގްރީ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގަ މި މުބާރާތުގެ ފެވަރިޓުންނަކީ ރެއާލް. އެމީހުންގެ ހުރިހާ އަމާޒެއް ވެސް ހުރީ ސީދާ މި މުބާރާތަށް. މި މުބާރާތުގައި ކުޅޭ މެޗުތަކަށް ރެއާލް އިން ކުރިމަތިލަނީ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން" އެލެގްރީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ރެއާލް ދަތުރުކޮށްފައިވާއިރު އެޓީމަށް މި ސީޒަނުގައި ކާމިޔާބުކުރެވެން އޮތް ހަމައެކަނި ތަށްޓަކީ ވެސް ޗެމްޕިއަންސް ލީގެވެ.

އެގޮތުން ސްޕެނިޝް ލީގުގެ ތިންވަނައިގައި ރެއާލް މިވަގުތު އޮތްއިރު އެޓީމާއި ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދު މިވަގުތު 15 ޕޮއިންޓުގެ ފަރަގެއް އެބައިނެވެ. އަދި ސްޕެނިޝް ކަޕުން ރެއާލް ވަނީ ކަޓާފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ދަތުރުކުރާ ހުރިހާ ޓީމެއް މި ހަފްތާގައި ކަށަވަރުވެގެންދާއިރު ކުއާޓާގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އިނގޭނީ ހުކުރު ދުވަހު ނަގާ ގުރު އަތުލުމުންނެވެ.