މިއަދުގެ މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ޕްރިމިއާ ލީގު ހޯދުމުގެ ރޭހުން މެންޗެސްޓަރ ޔުނައިޓެޑް އަދި ބޭރު ނުވާނެ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި މިރޭ ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރާއިރު، ސިޓީ މިވަގުތު އޮތީ 29 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ޔުނައިޓެޑް އޮތީ 20 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. ސިޓީ އަކީ އެންމެފަހުގެ ލީގު ޗެމްޕިއަނުން ކަމަށްވާއިރު ޔުނައިޓެޑަށް އެންމެފަހުން ލީގު ހޯދުނީ 2013 ވަނަ އަހަރުއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ މިރޭގެ މެޗުން ކޮންމެ ނަތީޖާ އެއް ނިކުތް ނަމަވެސް ލީގު ހޯދުމުގެ ރޭހުން ޔުނައިޓެޑް ބޭރު ނުވާނެ ކަމަށާއި މެޗުތަކުން ބަލިވި ނަމަވެސް ރިކަވާ ކުރެވޭނެކަން ޔުނައިޓެޑުން މި ސީޒަނުގައި ވެސް ސާބިތުކޮށްދީފައިވާ ކަމަށެވެ.

"ލީގު ހޯދުމުގެ ރޭހުން ޔުނައިޓެޑް އަދި ބޭރެއް ނުވޭ. ނޮވެމްބަރު މަހަގެ ތެރޭގައި ޓީމެއް ލީގު ހޯދުމުގެ ރޭހުން ބޭރުވުމަކީ ވަރަށް ނުވާނެ ކަމެއް. އެކަމަކު މާޗު ނޫނީ އޭޕްރީލްގައި މި ހާލަތު ތަފާތު ވެދާނެ. އެކަމަކު ސީޒަނުގެ މި ދުވަސްވަރު ހުރިހާ ކަމެއް ބަދަލުވުމުގެ ފުރުސަތު އަދި އެބައޮތް" ގާޑިޔޯލާ ބުންޏެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗުތަކަކީ އަބަދުވެސް ވަރަށް ހާއްސަ މެޗުތަކެއް ކަމަށާއި ސިޓީ އަށް ޔުނައިޓެޑް ބަލިކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން ދެ ޓީމުގެ ތާރީހަށް ބަލާލުމުން ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެ ކަންތައްތަކަށް ބެލުމަށް ވުރެ މިރޭ މުހިއްމީ ތިން ޕޮއިންޓު ކަމަށާއި އޭރުން މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސިޓީ އާއި ޔުނައިޓެޑް ވެސް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެގޮތުން އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އެގޮތުން އެންމެފަހުން ޔުނައިޓެޑް މޮޅުވީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ބައްދަލުކޮށް 2-1 އިންނެވެ. އަނެއްކޮޅުން ސިޓީން ވަނީ އެންމެފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފައެވެ. މީގެތެރެއިން ދެ މެޗެއްގައި ސިޓީން ވަނީ ހަ ގޯލު އިދިކޮޅު ޓީމު ކޮޅަށް ޖަހާފައެވެ.

ސިޓީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9:30 ގައެވެ.