ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކްގެ މައްޗަށް 2-3 އިން ބްރޫޝިއާ ޑޯޓްމަންޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޑޯޓްމަންޑް މިހާރު އޮތީ 27 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 23 ޕޮއިންޓާ އެކު ބްރޫޝިއާ މޮންގްލަޑްބެކް އޮތްއިރު 20 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ބަޔާންއެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބަޔާން އިންނެވެ. މި ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ބަޔާން އަށް ކާމިޔާބުކޮށްދިނީ ކުރިން ޑޯޓްމަންޑަށް ވެސް ކުޅުނު އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއަކުން މާކޯ ރޮއިސް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ އިރުކޮޅެއްފަހުން ޑޯޓްމަންޑަށް ލީޑު ނަގައިދޭން ވެސް ރަނގަޅު ފުރުސަތެއް ރޮއިސް އަށް ލިބިފައިވެއެވެ. ނަމަވެސް ބަޔާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި އެ ހަމަލާ ބަޔާންގެ ޑިފެންޑަރަކު ވަނީ ދިފާއުކޮށްފައެވެ. އެ ފުރުސަތުގެ ބޭނުން ރޮއިސް އަށް ނުހިފުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި ލެވެންޑޯސްކީ ވަނީ ދެވަނަ ފަހަރަށް ބަޔާން އަށް ލީޑު ނަގާދީފައެވެ.

ޑޯޓްމަންޑަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ 67 ވަނަ މިނެޓްގައެވެ. މި ގޯލު ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ އެޓީމުުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ރޮއިސްއެވެ. އަދި މެޗުގެ 73 ވަނަ މިނެޓްގައި ޕަކޯ އަލްސެސާ ވަނީ ޑޯޓްމަންޑަށް މެޗުގެ ލީޑު ނަގާދީފައެވެ. މެޗުގެ ފަހު 15 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ބަޔާން އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފައެވެ.

ރޭގެ މެޗުން ޑޯޓްމަންޑް މޮޅުވިއިރު މިއީ 2016 ވަނަ އަހަރަށްފަހު ޖަރުމަނު ލީގުގައި ބަޔާންގެ މައްޗަށް ޑޯޓްމަންޑަށް ހޯދުނު ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ.