ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ފެނިގެންދާނެ އެންމެ ފޯރިގަދަވާނޭ އެއް މެޗު ކަމުގައިވާ ބާސެލޯނާ އަދި ޗެލްސީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗުގައި ޗެލްސީގެ ކޯޗު އެޓީމުގެ ފޯވަޑް ލައިންގައި ބޭނުންކުރާނީ ކޮން ކުޅުންތެރިންތަކަކާއި މެދު ވިސްނަމުންދާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

ކޮންޓޭއަށް ވަނީ މެންޗެސްޓާރ ސިޓީއާއި ދެކޮޅަށް ސެންޓާރ ފޯވަޑެއް ނެތި ކުޅުމުގެ ސަބަބުން އެތައް ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެހެންނަމަވެސް ހަމަ މި އުކުޅު ބޭނުންކޮށްގެން ކޮންޓޭ ވަނީ ބާސެލޯނާ ފުރަތަމަ ލެގުގައި ހިފަހައްޓާލައިފައެވެ.

ކޮންޓޭ އަކީ އާދަޔާޙިލާފަށް މޮޅު ކޯޗެއްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް އޭނާއަށް ވަނީ އޭނާގެ ޑިފެންސިވް ގޭމްގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ވަނީ ކޮންޓޭ މިގޮތަށް އަމަލުކުރަނީ ބާސެލޯނާ އަދި މެންޗެސްޓާރ ސިޓީ ދެކެ ބިރުންކަމަށްވެސް ބުނެފައެވެ.

ގިނަ ބަޔަކަށް ފާހަގަނުވި ނަމަވެސް ކޮންޓޭއަށް ވަނީ ހަގީގަތުގައި އެތައް މައްސަލަތަކަކާއި ކުރިމަތިވެފައެވެ. މިގޮތުން ޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަދި މައި ފޯވަޑް އަލްވަރޯ މޮރާޓާގެ ފޯމުގެ ސަބަބުން އޭނާ ކުޅުމެކޭ ނުކުޅުމެކޭ މިވަނީ އެއްވަރުކަމަކަށް ވެފައެވެ. ދެން ފޯވަޑަކަށް ހުރި އޮލިވިއޭ ޖިރޫޑްއަކީ އެއްވެސް ކޯޗަކު ބާސެލޯނާއާއި ދެކޮޅަށް ކުޅޭއިރު ބޭނުންކުރުން ވަރަށް ނާދިރު ކުޅުންތެރިޔެކެވެ.

ދެން ކޮންޓޭއަށް އޮތް ހަމައެކަނި ގޮތަކީ ފޯވަޑް ލައިންގައި ހަޒާޑް، ވިލިއަން އަދި ޕެޑްރޯ ބޭނުންކުރުމެވެ. ހަލުވި ތިން ކުޅުންތެރިންނަށް މި ތިން ކުޅުންތެރިން ވާއިރު މިތަނުން އެއްވެސް ކުޅުންތެރިޔަކީ ސެންޓާރ ފޯވަޑެއް ނޫނެވެ. އެހެންނަމަވެސް ވިލިއަންގެ ފޯމުގެ ސަބަބުން އޭނާއަށް ޖާގަނުދިނުން ވެގެންދާނީ ވަރަށް ބޮޑު ބޭއިންސާފަކަށެވެ. ހަޒާޑް އަކީ ޗެލްސީގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި ޕެޑްރޯ އަކީ ބެންޗުގައި ދެން ތިބި ކުޅުންތެރިންނަށް ވުރެ ހަލުވި އަދި މާ ހުނަރުވެރި ކުޅުންތެރިޔެކެވެ.

މި ތިން ކުޅުންތެރިންނަކީވެސް ހަލުވިކަމުން ޑިފެންސްއަށާއި އެޓޭކަށްވެސް އެރޭވަރުގެ ކުޅުންތެރިންނެވެ. ކޮންޓޭގެ މައި ބޭނުމަކީވެސް މި ތިން ކުޅުންތެރިންގެ ފަރާތުން ބާސެލޯނާގެ ހަމަލާތައް ހުއްޓުވުމުގައި ކޮންމެވެސް ވަރެއްގެ އެހީއެއް ހޯދުމެވެ. މޮޅުވުން މަޖުބޫރު މި މެޗު ބާސެލޯނާއާއި ދެކޮޅަށް ކާމިޔާބުކުރުމުގެ ފުރުސަތު ކޮންމެގޮތަކަށްވިޔަސް ޗެލްސީއަށް ބޮޑުވާނީ ސެންޓަރ ފޯވަޑާކައި އެކުގައެވެ.