ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވިއިރު، ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް މިވަގުތު އޮތީ 30 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އަށް އެޓީމު އަލުން އަރާނެއެވެ. ލީގުގެ ދެވަނައިގައި ސިޓީ އޮތީ 29 ޕޮއިންޓާއެކުއެވެ. ލީގުގެ ތިންވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ލިވަޕޫލް މިއަދު މޮޅުވީ ލީގުގެ ފުލުގައި އޮތް ފުލަމް އާއި ބައްދަލުކޮށް 2-0 އިންނެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ފުލަމްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް އެޓީމުގެ މިޓްރޮވިޗް އާއި ސެސެނޮން އަށް ވަނީ ލިބި ބޭކާރުވެފައެވެ. އެ ފުރުސަތުތަކުގެ ބޭނުން ފުލަމް އަށް ނުހިފުނުއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ޝަގީރީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިވަޕޫލް އިން ވަނީ މި ހާފުގައި ތަނަވަސްކޮށްފައެވެ. މި މެޗުން ލިވަޕޫލް މޮޅުވިއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޗެލްސީ އާއި އެވަޓަން މިރޭ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 އިންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ޗެލްސީން ވަނީ ތަނަވަސްކޮށްފައެވެ.

އެގޮތުން އޮލޮންސޯ ފޮނުވާލި ހަމަލާއަކާއި ހަޒާޑް ފޮނުވާލި ހަމަލާއެއް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. މީގެއިތުރުން އޮލޮންސޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވިއިރު ވިލިއަން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އެވަޓަންގެ ގޯލަށް ފޮނުވާލާފައެވެ.

މި މެޗު އެއްވަރުވިއިރު ލީގުގައި އަދި ޗެލްސީ ވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.