ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 3-1 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ސިޓީ އޮތީ އެއްވަނައިގައެވެ. ޔުނައިޓެޑް އޮތީ 20 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. 12 މެޗު ކުޅެ ނިމުނުއިރު ސިޓީ އަދި މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ޑޭވިޑް ސިލްވާ ވަނީ ސިޓީ އަށް މެޗުގެ ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް ޔުނައިޓެޑްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ސާޖިއޯ އަގުއެރޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަގުއެރޯ މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ގޯލަށްފަހު ވެސް ސިޓީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 58 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން އެންތޮނީ މާޝިއަލް ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް އެޓީމުގެ ފޯވާޑް ލުކާކޫ އަށް ސިޓީގެ ކީޕަރު އެޑަސަން ކުރި ފައުލަކާއި ގުޅިގެންނެވެ.

ނަތީޖާގެ ފަރަގު ކުޑަކުރެވުނު ނަމަވެސް އެ ގޯލަށްފަހު ޔުނައިޓެޑަށް ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސިޓީން ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު ޕެނަލްޓީއޭރިއާގެ ބޭރުން ފާނަންޑީނިއޯ ފޮނުވާލި ދެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ 86 ވަނަ މިނެޓްގައި ގުންޑޮގާން ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މިއީ ސިޓީން ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.