ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ ބަލިވިއިރު، ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް 24 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ބާސާއެވެ. ދެވަނައިގައި 23 ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ބާސާ ރޭ ބަލިވީ އަމިއްލަ ދަނޑުގައި ލީގުގެ 12 ވަނައިގައި އޮތް ރެއާލް ބެޓިސް އާއި ބައްދަލުކޮށް 4-3 އިންނެވެ.

އަނިޔާ އިން ރަނގަޅުވުމަށްފަހު ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ރޭގެ މެޗުގައި ކުޅުނުއިރު މި މެޗުގެ ފުރަތަމަ ހާފްގައި ބެޓިސް އިން ވަނީ ދެ ގޯލު ލީޑެއް ނަގާފައެވެ. ފުރަތަމަ ހާފްގައި ބެޓިސް އިން މޮޅު ކުޅުމެއް ދެއްކިއިރު އެ ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފާޕޯ އާއި ސަންޗޭޒް ރޮޑްރިގޭޒްއެވެ.

ބެޓިސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފްގައި ބާސާ އިން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 68 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މެސީ ވަނީ ބާސާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން ލޮ ސެލްސޯ ވަނީ ބެޓިސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އަނެއްކާވެސް ފުޅާކޮށްދީފައެވެ. މެޗުގެ 79 ވަނަ މިނެޓްގައި އާޓޫރޯ ވިޑާލް ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓްފަހުން ކަނާލޭސް ވަނީ ބެޓިސްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބާސާގެ ތިންވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މެސީއެވެ.

ބެޓިސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ 81 ވަނަ މިނެޓްގައި ބާސާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން އެޓީމު މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

މިއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހަށްފަހު އަމިއްލަ ދަނޑުގައި ކުޅެ ލީގު މެޗަކުން ބާސާ ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބެޓިސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް މެޑްރިޑް ރޭ މޮޅުވީ ލީގުގެ 14 ވަނައިގައި އޮތް ސެލްޓަވީގޯ އާއި ބައްދަލުކޮށް 2-4 އިންނެވެ.

ސެލްޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 23 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ރެއާލް އިން ތަނަވަސްކޮށްފައިވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ރެއާލް އިން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލަކީ ސެލްޓާގެ ކަބްރާލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ 61 ވަނަ މިނެޓްގައި މަލޯގެ ގޯލަކާއެކު ސެލްޓާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ ރާމޯސް ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ރެއާލްގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ސެބާޔޯސް ކަމަށްވާއިރު ސެލްޓާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މެންޑޭޒްއެވެ.

ރެއާލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ކަރީމް ބެންޒެމާ

މި މެޗުގެ 87 ވަނަ މިނެޓްގައި ރެއާލްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ސެލްޓާގެ ކަބްރާލް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

ރޭގެ މެޗުން ރެއާލް މޮޅުވިއިރު މިއީ އެޓީމުގެ ވަގުތީ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅެ ޖެހިޖެހިގެން ރެއާލް އިން ހޯދި ހަތަރުވަނަ މޮޅެވެ.