އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަތުން 2-0 އިން އޭސީ މިލާން ބަލިވިއިރު، އެޓީމުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އަށް ރަތްކާޑު ދައްކައިފިއެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް ލީގުގެ އެއްވަނައިގައި މިހާރު އޮތީ 34 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 28 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު މިލާން އޮތީ 21 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.

މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ އަށްވަނަ މިނެޓްގައި ޔުވެންޓަސް އިން ވަނީ ލީޑު ނަގާފައެވެ. ސަންޑްރޯ ނަގައިދިން ހުރަހަކުން މި ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ މާރިއޯ މަންޒުކިޗްއެވެ. މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއްފަހުން ވެސް ގޯލްޖަހާނެ އިތުރު ފުރުސަތެއް މަންޒުކިޗް އަށް ލިބިފައިވެއެވެ.

މިލާންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ މިލާނަށް ލިބުނީ ޔުވެންޓަސްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ބެނާޓިއާގެ އަތުގައި ބޯޅަ ޖެހުމުން ކަމަށްވާއިރު، މިލާނުގެ ހިގުއައިން ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު، މެޗުގެ 81 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މިއީ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި އަށްވަނަ ގޯލެވެ.

ޔުވެންޓަސް އިން ލީޑު ފުޅާކުރިތާ ދެ މިނެޓްފަހުން ރެފްރީ ވަނީ މިލާނުގެ ހިގުއައިން އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ، ރީނދޫ ކާޑެއް ދެއްކުމުން ރުޅި އައިސްގެން ރެފްރީ އާއި ދިމާލަށް ބުނި އެއްޗެއްގެ ސަަބަބުންނެވެ. ހިގުއައިން އަކީ މިދިޔަ ޓްރާންސްފާ މާކެޓުގައި ޔުވެންޓަސް އިން މިލާނަށް ބަދަލުވި ކުޅުންތެރިއެކެވެ.

ލީގުގައި ޔުވެންޓަސް އިން 12 މެޗު މިހާތަނަށް ކުޅެފައިވާއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން 11 މެޗުން ޔުވެންޓަސް މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.