މޮނާކޯގެ މައްޗަށް 4-0 އިން ކުރި ހޯދައި، ފްރެންޗް ލީގުގައި ޖެހިޖެހިގެން 13 ވަނަ މޮޅު ޕީއެސްޖީން ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޕީއެސްޖީ މިހާރު އޮތީ 39 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 26 ޕޮއިންޓާ އެކު ލިލް އޮތްއިރު ރޭގެ މެޗުން ބަލިވި މޮނާކޯ އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.

ތިއެރީ އޮންރީ ކޯޗުކޮށްދެމުން އަންނަ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އަދި މެޗުގެ 11 ވަނަ މިނެޓްގައި ކަވާނީ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޕީއެސްޖީން ފުރަތަމަ ހާފްގައި ތަނަވަސްކޮށްފައިވާއިރު މެޗުގެ 53 ވަނަ މިނެޓްގައި ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ކަވާނީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ތިން ގޯލާއެކު ކަވާނީ ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 8 އަށް އަރާފައެވެ. ޕީއެސްޖީގެ ފަހު ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ނޭމާއެވެ.

ލީގުގައި މިހާތަނަށް 13 މެޗު ކުޅެ ނިމުނުއިރު މޮނާކޯ މޮޅުވެފައިވަނީ އެންމެ މެޗަކުން ކަމަށްވާއިރު، ރޭގެ މެޗުގައި ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް އެޓީމަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ.

ލީގުގައި ކުޅުނު ފުރަތަމަ 13 މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު، އެޓީމުން ވަނީ މިހާތަނަށް ހަތް ފަހަރެއްގެ މަތިން ފްރެންޗް ލީގު ކާމިޔާބުކޮށްފައެވެ.