އދ.މަހިބަދޫގައި ދާދިފަހުން އެޅި ޒަމާނީ ފެންވަރުގެ ޓާފް ދަނޑު ހުޅުވުމަށް ޓީސީ ސްޕޯޓްސް ކްލަބާއި އެ ރަށު ޓީމެއް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރުއެވެ.

މަހިބަދޫގައި ހަދާފައިވާ މި ދަނޑަކީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިސްނެގުމާއެކު ފެށި ޕްރޮޖެކްޓެކެވެ. ދަނޑުގެ މަސައްކަތަށް މަހިބަދޫ އަށް ނިސްބަތްވާ ގައުމީ ލެވެލްގެ ލެޖެންޑުން ކަމަށްވާ އިމްރާން މުހައްމަދު (އިންމަ)އާއި މިހާރު މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތާރިގު (ޓޮމް) ފަދަ ބޭފުޅުންގެ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ލިބިގެން ގޮސްފައެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން ބުނެފައި ވަނީ ދަނޑުގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިން އުފެއްދުން ކަމަށެވެ. މިހާރެކޭ އެއްގޮތަށް، އަދި އެއަށްވުރެ ވެސް ގިނަ ކުޅުންތެރިންތަކެއް ގައުމީ ލެވެލްއަށް މަހިބަދޫން ގެނެސްދެވޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ދަނޑު ނިމުމަކީ އެކަމަށް އެޅިގެންދިޔަ ހެޔޮ ފާލެއް ކަމަށްވެސް އެ ކްލަބުން ބުނެއެވެ.

މަހިބަދޫގެ ދަނޑުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ގްރީންފީލްޑް ކުންފުނިންނެވެ. ގްރީންފީލްޑަކީ ދަނޑުތައް ތަރައްގީ ކުރުމަށް ފީފާއިން އެޕްރޫވް ދީފައިވާ ނުވަ ކުންފުންޏެއްގެ ތެރެއިން އެއް ކުންފުންޏެވެ.

މަހިބަދޫ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ގައުމީ ޓީމުގައި، އަދި ފުރަތަމަ ޑިވިޝަންގައިވެސް ކުޅެމުންދާ އިރު، ދާދި ފަހުން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް މަހިބަދޫގެ ހިއްސާ ވެއެވެ.