ކެރިއަރު ނިންމާލާނީ އެމެރިކާގެ މޭޖާ ލީގުގައި ކަމަށް، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.

ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން އަށް ކުޅެފައިވާ ރޫނީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ މޭޖާ ލީގުގެ ކްލަބެއް ކަމަށްވާ ޑީސީ ޔުނައިޓެޑަށެވެ. ރޫނީ ވަނީ އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ވެސް ކުޅުނު 21 މެޗުގައި 12 ގޯލު ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމަށް ރޫނީ ކުޅޭ އެންމެފަހު މެޗުގައި އެޓީމު މާދަމާ ރޭ އެމެރިކާ އާއި ދެކޮޅަށް ނިކުންނަ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އޭނާ ބުނީ ލޯނެއްގެ ދަށުން ޕްރިމިއާ ލީގަށް އޭނާ އެނބުރި އަންނަން އުޅޭ ވާހަކަ ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށާއި ނަމަވެސް ކެރިއަރު ނިންމާލާނީ އެމެރިކާގައި ހުރެ ކަމަށެވެ.

"ޕްރިމިއާ ލީގަށް އެނބުރި އަންނަން އަހަރެން ތައްޔާރެއް ނޫން. ކެރިއަރު ނިންމާލާނީ އެމެރިކާގާއި. އެމެރިކާ އަށް ދާން ނިންމި ނިންމުމަކީ އަހަރެންގެ އަމިއްލަ ނިންމުމެއް. ނިންމުމެއް ނިންމައިފިއްޔާ އަހަންނަކީ އެ ނިންމުމެއްގެ މަތީގައި ދެމި ހުންނާނެ މީހެއް" އުމުރުން 33 އަހަރުގެ ފޯވާޑް ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމަށް ރޫނީ މާދަމާ ރޭ ފަހު މެޗު ކުޅެދިނުމަށް ތައްޔާރުވެފައިވާއިރު، މި މެޗު ވެގެންދާނީ އިނގިރޭސި ގައުމީ ޓީމަށް ރޫނީ ކުޅެދޭ 120 ވަނަ މެޗަށެވެ. ރޫނީ އަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ. އެގޮތުން ރޫނީ ވަނީ އެޓީމަށް 53 ލަނޑު ކާމިޔާބުކޮށްދީފައެވެ.