ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ރޭ އާޓް ގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި މުބާރާތުގެ އެއް ބާނީ ކަމަށްވާ ކެނދިކުޅޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އާއި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންގެ އިތުރުން ކޯޗުން ވެސް ބައިވެރިވިއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މިފަހަރުގެ މުބާރާތުގައި 11 ޓީމު ވާދަކުރާއިރު ޓީމުތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ކެނދިކުޅުދޫ އާއި މާޅެންދޫ އާއި ހެނބަދޫ އާއި މަނަދޫ އާއި މިލަންދޫގެ އިތުރުން މަގޫދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ވެލިދޫ އާއި ލަންދޫ އާއި މާފަރު އާއި ހޮޅުދޫގެ އިތުރުން ކުޑަފަރިއެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތް އޮންނާނީ މި މަހުގެ 26 އިން އަންނަ މަހުގެ 25 ގެ ނިޔަލަށެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިފަހަރު 600،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައިވަނީ 100،000 ރުފިޔާއެވެެ. ފެއާ ޕްލޭ ޓީމަށް 25،000 ރުފިޔާ ދޭއިރު އެންމެ ރަނގަޅަށް ސަޕޯޓުކުރާ ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މީގެ ހަތަރު އަހަރު ކުރިން ފެށި މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މިލަދޫއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާއެވެ.