ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފްރާންސްގެ މައްޗަށް 2-0 އިން ނެދަލޭންޑްސް ހޯދި މޮޅާއެކު، މުބާރާތުގެ ފުރަތަމަ ޑިވިޝަނުން ޖަރުމަނު ރެލިގޭޓް ވެއްޖެއެވެ.

ރޭގެ މޮޅާއެކު ނެދަލޭންޑްސް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު، ލީގު އޭގެ ގްރޫޕް އެކެއްގެ ދެވަނައިގައެވެ. ރޭގެ މެޗުން ބަލިވި ފްރާންސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ގްރޫޕްގެ ފުލަށްދިޔަ އަދި މުބާރާތުގެ ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ޖަރުމަނަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސް އަށް ބާކީ އަދި އެއް މެޗު އޮތްއިރު، އެ މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕްގެ އެއްވަނަ އެޓީމަށް ހޯދިދާނެއެވެ. ގްރޫޕްގެ ފަހު މެޗުގައި ނެދަލޭންޑްސް ނިކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.

ގްރޫޕްގެ ފުލަށްދާ ޓީމު މުބާރާތުގެ ދެން އަންނަ ސީޒަނެއްގައި (2020 ވަނަ އަހަރު) ވާދަކުރާނީ އާދައިގެ ޓީމުތައް ހިމެނޭ ލީގު ބީ ގައި ކަމަށްވާއިރު، ގްރޫޕްގެ އެއްވަނަ ހޯދާ ޓީމު އަންނަ އަހަރު އޮންނަ ޔުއެފާ ނޭޝަންސް ލީގުގެ ހާއްސަ މުބާރާތަށް ކޮލިފައިވާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.

ނެދަލޭންޑްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 44 ވަނަ މިނެޓްގައި ވައިނަލްޑަމް ވަނީ ނެދަލޭންޑްސް އަށް ލީޑު ނަގާދީފައެވެ. ދެވަނަ ހާފްގައި ވެސް ފްރާންސްގެ ގޯލަށް ނެދަލޭންޑްސް އިން ދިޔައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަމުންނެވެ. ނަމަވެސް އެ ހަމަލާތައް ދިފާއުކުރުމުގައި ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ފްރާންސްގެ ފަރާތުން އާދައިގެ ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، ނެދަލޭންޑްސްގެ ފަހު ގޯލު މެޗުގެ އެންމެފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެމްފިސް ޑެޕާއިއެވެ. މިއީ 2008 ވަނަ އަހަރަށްފަހު ނެދަލޭންޑްސް އަށް ފްރާންސްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރޭގެ މެޗުން ފްރާންސް ބަލިވުމުން އެޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ އަށް ވެސް މިހާރު ވަނީ ނިމުން އައިސްފައެވެ. އެގޮތުން ފްރާންސް އިން ވަނީ ބަލިނުވެ ޖުމްލަ 15 މެޗު ހަމަކޮށްފައެވެ.

ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގަ ރެއެވެ.