ނ. އަތޮޅުގައި ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތެވެ. މުބާރާތަށް މުޅި ނ. އަތޮޅު އަނެއްކާވެސް ތައްޔާރުވަމުންދާ އިރު، މިފަހަރުވެސް މުބާރާތް އިންތިހާ ފޯރިގަދަވާނެއެވެ.

މިމަހުގެ 24 ވަނަ ދުވަހު ނ.ކެނދިކުޅުދޫގައި ފެށުމަށް ހަމަޖަހިފައިވާ ސިޔާމް މައުރޫފު ސޮކަރ ކަޕަށް ނ. މާފަރު ޓީމު މިފަހަރު ނުކުންނާނީ ކުރީ އަހަރުތަކާއި ހިލާފަށް، ޒުވާން ކުޅުންތެރިން ގިނަ ޓީމެއްގެ ގޮތުގައެވެ. މި މުބާރާތުގައި ޖުމްލަ 11 ޓީމު ބައިވެރިވެފައިވާ އިރު، މާފަރު ޓީމުން މިފަހަރު ނުކުންނާނީ ސީދާ ތަށްޓަށެވެ.

މާފަރު ޓީމުގެ ޕްރެކްޓިސް މިހާރު ފަށާފައިވާއިރު، މުޙިއްމު ގިނަ ކުޅުންތެރިންތަކެއް މިހާރު ވަނީ ޓީމާއި ގުޅިފައެވެ. ރާއްޖޭގެ އެންމެ ފަހުގެ ގޯލްޑް ކެޕްޓަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މުހިއްމު ޑިފެންޑަރު، އަކްރަމް ޢަބްދުލްޣަނީ (އަކޫ) ވެސް ހިމެނޭގޮތަށް ނަގާފައިވާ ސްކޮޑާއެކު، މާފަރުން ފުރަތަމަ މެޗުގައި ނުކުންނާނީ، މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ހޮޅުދޫ އެފް.ސީ އާ ދެކޮޅަށެވެ.

މާފަރު ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ޓީމު ލީޑު ކުރާނީ ޓީމުގައި ހިމެނޭ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ، ޖުމައިލް ޢީސާ (ޖުންމެ)އެވެ. ޖުންމެ އަކީ މިއަހަރު ބޭއްވި މިނިވަން 50 މުބާރާތުގެ ޒޯން ޗެމްޕިއަންކަން، ހއ.މުރައިދޫ އަށް ހޯދައި ދިނުމުގައި އެ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ޒުވާން ކުޅުންތެރިއެވެ.

މާފަރު ޓީމުގެ ކޯޗަކީ މުޅި ނ.އަތޮޅަށްވެސް އެނގޭނެ، މުސްލިމް މުހައްމަދު (މުއްޓޭ)އެވެ. މުއްޓޭއަކީ މާފަރަށް އުފަން، ހުނަރުވެރި މޮޅު ކޯޗެކެވެ. މީގެ އިތުރުން، މުއްޓޭ އަކީ ނ.އަތޮޅުގައި ބޭއްވި ގިނަ މުބާރާތްތަކެއްގައި އަތޮޅުގެ އެކިއެކި ރަށްރަށަށް ކޯޗުކަން ކޮށްދީފައިވާ ކާމިޔާބު ކޯޗެކެވެ. މުއްޓޭގެ ކޯޗުކަމުގެ ދަށުން މާފަރު ޓީމު ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އަދި ޅ.ކުރެއްދޫގައި ބޭއްވި އެނިވާސަރީ ކަޕް، ނ.ލަންދޫއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި މުއްޓޭގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ސިޔާމް މައުރޫފު ސޮކާ ކަޕްގެ މާފަރު ޓީމު ހިނެމޭ ގުރޫޕުގައި ދެން ހިމެނެނީ ، ކުޑަފަރި، ހޮޅުދޫ، ލަންދޫ އަދި ވެލިދޫއެވެ. މުބާރާތުގެ ޗެމްޕިއަންޓީމަށް ހަ ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް އަދި ރަނަރަޕް ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ އިރު، މިއީ މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ.