އިޓަލީ އާއި ބައްދަލުކުރި މެޗު 0-0 އިން އެއްވަރުކޮށް، ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު ބާކީ އެއް މެޗު އޮއްވާ ހަތް ޕޮއިންޓާ އެކު ޕޯޗުގަލް އަށް ވަނީ ލީގު އޭގެ ގްރޫޕް ސީގެ އެއްވަނަ ކަށަވަރުވެފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ހުރިހާ މެޗެއް އިޓަލީ ކުޅެ ނިމިފައިވާއިރު ފަސް ޕޮއިންޓާ އެކު އެޓީމަށް ލިބުނީ ގްރޫޕްގެ ދެވަނައެވެ. ގްރޫޕްގެ ފުލަށްދިޔަ ޕޮލެންޑަށް މިހާތަނަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ އަށް ދަތުރުކުރާނީ ލީގު އޭގެ ގްރޫޕްތަކުގެ އެއްވަނަ ހޯދާ ޓީމުތައް އެކަންޏެވެ. ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް އިން ޕޮލެންޑާއި ދެކޮޅަށް ނިކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.

އިޓަލީގައި ރޭ ކުޅުނު މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް އިޓަލީން ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައި، ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އިމޯބިލޭ އާއި އިންސިންޔޭ ފޮނުވާލި ހަމަލާތައް ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ ދިފާއުކުރިއިރު، ފްލޮރެންޒީ އާއި ބޮނުޗީ އަދި ކިއޭސާ ފަދަ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

ޕޯޗުގަލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިނުވާއިރު، މުޅި މެޗުގައި ވެސް އެޓީމަށް ޕޯޗުގަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މުބާރާތުގެ ސެމީ އަށް ޕޯޗުގަލް ދަތުރުކޮށްފައިވާއިރު، ސެމީފައިނަލް މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ވެސް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގައެވެ.