މިއަހަރު ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ކްރޮއޭޝިއާ އަތުން ބަލިވުމުގެ ހިތްދަތިކަން އަދިވެސް ކުރެވޭ ކަމަށް އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

ވޯލްޑް ކަޕްގެ ސެމީގައި ކްރޮއޭޝިއާ އަތުން އިންގްލޭންޑް ބަލިވީ 1-2 އިންނެވެ. އެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އިންގްލޭންޑުން ކަމަށްވާއިރު، އެ ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ލިބިފައިވެއެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ކްރޮއޭޝިއާ އިން ފަހަތުން އަރާ ދެ ގޯލު ކާމިޔާބުކޮށް އިންގްލޭންޑް ބަލިކުރުމަށްފަހު މުބާރާތުގެ ފައިނަލަށް ދަތުރުކުރުމެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކްރޮއޭޝިއާ އާއި ދެކޮޅަށް އިންގްލޭންޑް ނިކުންނައިރު، ކޭން ބުނީ މީގެކުރިން މި ދެ ޓީމު ކުޅުނު މެޗާއި މެދު މާބޮޑަށް އޭނާ ނުވިސްނާ ކަމަށާއި ނަމަވެސް އެކަމުގެ ހިތްދަތިކަން އަދިވެސް އިހުސާސް ކުރެވޭ ކަމަށެވެ.

"ބޮޑު މެޗަކުން ބަލިވެއްޖެނަމަ އެއަށް ވުރެ ރަނގަޅަށް ކަންތައްތައް ކުރެވުނު ނަމައޭ ހިތަށް އަރާ" ކޭން ބުންޏެވެ.

ނޭޝަންސް ލީގުގައި މިރޭ ކްރޮއޭޝިއާގެ މައްޗަށް އިންގްލޭންޑުން ކުރި ހޯދައިފިނަމަ، މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް އިންގްލޭންޑަށް ކަށަވަރުވާނެއެވެ. އިންގްލޭންޑް މިވަގުތު އޮތީ ލީގު އޭގެ ގްރޫޕް ޑީގެ ދެވަނައިގައި ހަ ޕޮއިންޓާ އެކުއެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ސްޕެއިންއެވެ. ސްޕެއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ހަތަރު މެޗުވެސް ކުޅެ ނިންމާލާފައެވެ. ގްރޫޕްގެ ފުލުގައި އޮތް ކްރޮއޭޝިއާ އަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ އަށް ދަތުރުކުރާނީ ލީގު އޭގެ ގްރޫޕްތަކުގެ އެއްވަނަ ހޯދާ ޓީމުތައް އެކަންޏެވެ. އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެގަޑިން 7 ޖަހާއިރުއެވެ.