ޔުއެފާ ނޭޝަންސް ލީގުގައި ރޭ 2-5 އިން ބެލްޖިއަމް ބަލިކުރުމަށްފަހު، މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ސްވިޒަލޭންޑުން ކަށަވަރުކޮށްފިއެވެ.

ނޭޝަންސް ލީގުގެ ސެމީ އަށް ދަތުރުކުރަނީ ގްރޫޕްތަކުގެ އެއްވަނަ ހޯދާ ޓީމުތައް ކަމަށްވާއިރު ސްވިޒަލޭންޑް ސެމީ އަށް ދަތުރުކުރީ ލީގު އޭގެ ގްރޫޕް ބީގެ އެއްވަނަ ހޯދައިގެންނެވެ. އެގޮތުން ރޭގެ މޮޅާއެކު ސްވިޒަލޭންޑަށް ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ދެވަނަ ހޯދި ބެލްޖިއަމް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ސްވިޒަލޭންޑަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލަށްދިޔަ އައިސްލޭންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސްވިޒަލޭންޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ ބެލްޖިއަމް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލުވެސް ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު ސްވިޒަލޭންޑުން ވަނީ ތިން ގޯލު ކާމިޔާބުކޮށް އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ސްވިޒަލޭންޑުން ފުރަތަމަ ހާފްގައި ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސެފެރޮވިޗް ކަމަށްވާއިރު އަނެއް ގޯލު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރިކާޑޯ ރޮޑްރިގޭޒްއެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ސްވިޒަލޭންޑްގެ ހަތަރުވަނަ ގޯލު އެލްވެޑީ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ސެފެރޮވިޗް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ރޭގެ މެޗުން ބަލިވެ މުބާރާތުގެ ސެމީއަށް ދިޔުމުގެ ފުރުސަތު ބެލްޖިއަމް އަށް ގެއްލުނުއިރު، މިއީ 1935 ވަނަ އަހަރަށްފަހު ދެ ގޯލުގެ ލީޑެއްގައި އޮވެ ބެލްޖިއަމް މެޗަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.