ގައުމީ ކުޅިވަރު ހުރިހާ އެސޯސިއޭޝަނަކަށް 500،000 ރުފިޔާގެ ބަޖެޓު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅިވަރުގެ ދާއިރާ އިން ހާސިލުކުރަން ނިންމާފައިވާ އެއް ކަމެވެ.

ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވީ ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން އަހަރަކު 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށެވެ. އެގޮތަށް އެސޯސިއޭޝަންތަކުގެ ބަޖެޓް އެކުލަވާލައި އަދި ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލުން މިއަދު އެސޯސިއޭޝަންތަކުގެ ބަޖެޓް ފާސްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާ އިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ އެހެން ކަންކަމަށް ބަލާއިރު މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމާއި، މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުމާއި، ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމުގެ އިތުރުން ފިރިހެން އަދި އަންހެން ޓީމަށް ދެވޭ އެލެވެންސްގައި ހުރި ފަރަގާއި ގައުމީ ޓީމުތަކަށް ދެވޭ އެލެވެންސްގެ ފަރަގު ނައްތާލުން ހިމެނެެވެ.

މީގެ އިތުރުން ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. މި އީދުގެ ހަރަކާތްތަކެއް މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯބުރާންތި

    ތިވަރުގެ ބަޖެޓް ކަންޑަ އަޅާއިރު ކޮބާތަ ކައުންސިލަރުން ގެ ކެންޑި މުސާރަ ކޮޅު؟؟؟