ޗެލްސީ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

"20 އަހަރަށްފަހު، އަހަރެންގެ ފުޓްބޯޅައިގެ ކެރިއަރަށް ނިމުން ގެންނަން ނިންމައިފިން" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 40 އަހަރުގެ ޑްރޮގްބާ ބުންޏެވެ.

އައިވަރީ ކޯސްޓަށް އުފަން ޑްރޮގްބާ އެންމެފަހުން ކުޅުނީ އެމެރިކާގެ ކްލަބެއް ކަމަށްވާ ފީނިކްސް ރައިޒިންގް އަށެވެ. ޑްރޮގްބާ އަކީ އެ ކްލަބުގެ ކޯ އޯނަރުވެސް މެއެވެ.

"ފުޓްބޯޅަ އިން އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. އަހަންނަށް އެނގުނު އެއްޗެއް އެހެން ބަޔަކަށް ފޯރުކޮށްދީ، ޒުވާން ކުޅުންތެރިންތަކެއްގެ ކުރިއެރުމަށް އެހީވުމަކީ، ކެރިއަރު ނިންމާލަން އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރަން" ޑްރޮގްބާ ބުންޏެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޑްރޮގްބާ އޭނާގެ ކެރިއަރުގެ އެންމެ ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ ޗެލްސީގައެވެ. އެގޮތުން ފްރާންސްގެ މާސޭ ދޫކޮށްލުމަށްފަހު ޑްރޮގްބާ ޗެލްސީ އަށް ބަދަލުވީ 2004 ވަނަ އަހަރު 24 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޑްރޮގްބާ ޗެލްސީ ދޫކޮށްލީ 2012 ވަނަ އަހަރު ކަމަށްވާއިރު، އޭނާ ވަނީ 2014 ވަނަ އަހަރު އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ކްލަބަށް އެނބުރި އައިސްފައެވެ.

ޑްރޮގްބާ ވަނީ ޗެލްސީގައި ހޭދަކުރި މުއްދަތުގައި އެ ކްލަބަށް 381 މެޗު ކުޅެދީ 164 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ހަތަރު ފަހަރު، އެފްއޭކަޕް ހަތަރު ފަހަރު، އިނގިރޭސި ލީގު ކަޕް ތިން ފަހަރު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ. 2012 ވަނަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ޑްރޮގްބާ ކާމިޔާބުކުރި ޕެނަލްޓީންނެވެ.

ޑްރޮގްބާ ވަނީ އޭނާގެ އުފަން ގައުމު ކަމަށްވާ އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް 105 މެޗު ކުޅެދީ 65 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ އެޓީމާއެކު ތިން ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ވެސް ކުޅެފައެވެ.