މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށްފަހު ހެދި ޑްރަގް ޓެސްޓަކުން ފެއިލްވި ކަމުގެ ތުހުމަތު ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ކޮށްފިއެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި ރެއާލް ބައްދަލުކުރީ އިޓަލީގެ ޔުވެންޓަސް އާއެވެ. އެ މެޗުން ރެއާލް 1-4 އިން މޮޅުވިއިރު، އެ މެޗުގެ 90 މިނެޓް ރާމޯސް ފުރިހަމަކޮށްފައިވެއެވެ.

އެ މެޗަށްފަހު ހެދި ޑްރަގް ޓެސްޓަކުން ރާމޯސް ފެއިލްވި ވާހަކަ ރިޕޯޓުކޮށްފައިވަނީ ޖަރުމަނުގެ ނޫހެއް ކަމަށްވާ "ޑިއާ ސްޕީގަލް" އިންނެވެ. އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި އެ މެޗަށްފަހު ރާމޯސްގެ ޔޫރިން ޓެސްޓު ކުރުމުން ޑެކްސަމެތަސޯން ނަމަކަށް ކިޔާ ޑްރަގަކަށް އޭނާ ވަނީ ޕޮޒިޓިވް ވެފައެވެ. ތަދު ކެނޑުވުން ފަދަ ކަންކަމަށް ބޭނުންކުރާ މި ޑްރަގް ރާމޯސް ބޭނުންކުރީ ފައިނަލް މެޗުގެ އެއް ދުވަސް ކުރިން ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

މެޗުތަކުގެ ކުރިން މި ޑްރަގު ބޭނުން ކުރުން ވޯލްޑް އެންޓި ޑޯޕިން އެޖެންސީގެ ގަވާއިދުތަކުނަ ހުއްދަ ކުރި ނަމަވެސް ޑްރަގް ޓެސްޓު ހެދުމުގެ ކުރިން، ކުޅުންތެރިއަކު އެ ޑްރަގް ބޭނުންކުރިކަން ކްލަބުގެ ޑޮކްޓަރު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީ މަޖުބޫރު ކަމެކެވެ. އެ ޑްރަގު ބޭނުންކުރިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިނުވާނަމަ، އެ މައްސަލައިގެ ތަހުގީގު ފަށަން ޖެހޭނެ ކަމަށްވެސް އެންޓި ޑޯޕިން އެޖެންސީގެ ގަވާއިދުތަކުގައި ބުނެފައިވެއެވެ.

"ޑިއާ ސްޕީގަލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާމޯސް ޑްރަގް ޓެސްޓު ހެދުމުގެ ކުރިން ރެއާލްގެ ޑޮކްޓަރު އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެއް ނުވެއެވެ. އަދި ޑޯޕިން ކޮންޓްރޯލް ފޯމުގައި ރެއާލްގެ ޑޮކްޓަރަކަށް ޖެހިފައިވަނީ ޑެކްސަމެތަސޯންގެ ބަދަލުގައި ނުބައި ޑްރަގެއް ނަން ކަމަށްވެސް ބުނެފައިވެއެވެ. އެ ނޫހުގައި މިކަމުގައި އުޅުނު ރެއާލްގެ ޑޮކްޓަރުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޔުއެފާގެ އެންޓި ޑޯޕިން ޔުނިޓުން ވެސް މި މައްސަލަ ތަހުގީގު ކޮށްފައިނުވާ ކަމަށާއި އޭގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ރެއާލްގެ ޑޮކްޓަރަށް ޔުއެފާ އިން އަންގާފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

"ޑިއާ ސްޕީގަލް" ނޫހުން ރާމޯސްގެ މައްޗަށް ކޮށްފައިވާ މި ތުހުމަތުތަށް ރެއާލް މެޑްރިޑުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ އެންޓި ޑޯޕިން ކޮންޓްރޯލްގެ ރެގިއުލޭޝަންސްތަކާއި ހިލާފު އެއްވެސް ކަމެއް ރާމޯސް ކޮށްފައިނުވާ ކަމަށާއި ޑޯޕިންގެ ކަންތައްތަކާއި ގުޅޭ ފަރާތްތަކުގެ ލަފަޔާއެކު އެ ވަގުތުން ވަގުތަށް ޔުއެފާ އިން އެކަން ބަލައި ނިންމާފައިވާ ކަމަށެވެ.

ރެއާލްގެ އިތުރުން އެ ނޫހުން ރިޕޯޓުކޮށްފައިވާ ވާހަކަތައް ޔުއެފާ އިން ވެސް ވަނީ ދޮގުކޮށްފައެވެ.