ޓޮޓެންހަމްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ކަމުދަނީ އެޓީމުގެ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރާއިރު، މި މެޗުގެކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޓޮޓެންހަމްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ކަމުދަނީ ކޮން ކުޅުންތެރިއެއްތޯ ސާރީ ކައިރިން ސުވާލުކޮށްފައެވެ.

އޭގެ ޖަވާބުގައި ސާރީ ބުނީ އޭނާ އަށް އެރިކްސަން ވަރަށް ބޮޑަށް ކަމުދާ ކަމަށާއި އޭނާ އަކީ ވަރަށް "ސްމާޓް" ކުޅުންތެރިއެއް ކަމަށެވެ.

"އެރިކްސަން އަކީ ވަރަށް ސްމާޓް އަދި ވަރަށް ޓެކްނިކަލް ކުޅުންތެރިއެއް. މެދުތެރެއަށް ވެސް ކުޅެ ސީޒަނެއްގައި 8 ނުވަތަ 9 ގޯލު އޭނާ އެބަ ކާމިޔާބުކުރޭ. އެރިކްސަން އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް. އެރިކްސަން އަހަންނަށް ވަރަށް ކަމުދޭ. އެކަމަކު މިއީ އެއްވެސް ހާލައްގައި ޓްރާންސްފާ މާކެޓާއި ގުޅުންހުރި ވާހަކައެއް ނޫން. ހަމައެކަނި ކުރި ސުވާލަކަށް ޖަވާބު މި ދިނީ" ސާރީ ބުންޏެވެ.

އުމުރުން 26 އަހަރުގެ އެރިކްސަންގެ ފަރާތުން މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 10 ގޯލު ކާމިޔާބުކޮށް 10 އެސިސްޓް ހަދާފައެވެ. އެރިކްސަން އަކީ ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކަކުން ހޯދަން ޝައުގުވެރިވާ ކުޅުންތެރިއެކެވެ.

ޓޮޓެންހަމް އިން އެ ކްލަބުގައި ތިބި މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް އާކުރަމުންދާއިރު، އެރިކްސަންގެ ކޮންޓްރެކްޓް އާކުރުމަށް ވެސް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެރިކްސަން ޓޮޓެންހަމް އާއެކު ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރު ހަމަވާނެއެވެ.

ޗެލްސީ އާއި ޓޮޓެންހަމް މިރޭ ލީގުގައި ބައްދަލުކުރާއިރު، ޗެލްސީ އޮތީ 28 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ޓޮޓެންހަމް އޮތީ 27 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 10:30 ގައެވެ.