ދެ އަހަރުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބާއްވަން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޮލް އިން ހުށަހަޅައިފިއެވެ.

ކޮންމެބޮލް އިން ފީފާ އަށް މި ހުށަހެޅުން ހުށަހަޅާފައިވަނީ މިދިޔަ މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ފީފާގެ ކޮންގްރެސް ބައްދަލުވުމުގައެވެ. ވޯލްޑް ކަޕް މިހާރު ބާއްވަމުން އަންނަނީ ހަތަރު އަހަރުން އެއް އަހަރުއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޮންމެބޮލްގެ ރައީސް އެލެހަންޑްރޯ ޑޮމިނިގޭޒް ވިދާޅުވީ މިހާރު ބާއްވަމުން އަންނަ ޔުއެފާ ނޭޝަންސް ލީގުގެ ބަދަލުގައި ކޮންމެ ދެ އަހަރުން އެއް އަހަރަކު ވޯލްޑް ކަޕް ބޭއްވުމާއިގެން ކުރިއަށްދާން ފެންނަ ކަމަށާއި އެއީ ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭނެ ފަދަ މުބާރާތެއް ކަމަށެވެ.

"މިއީ ހަގީގަތުގައި ކުޅުންތެރިންނަށް ކޮށްދެވޭ ކަމެއް. މިހާރު މިއޮތް ފޯމެޓް ބަދަލުކޮށް ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމުން ހަތަރު ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު އެމީހުންނަށް ލިބޭނެ. މިހާރު ފޯމެޓް އޮންނަ ގޮތުން ގިނަ ކުޅުންތެރިންނަށް ދެ ވޯލްޑް ކަޕަށް ވުރެ އިތުރަށް ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބޭ" ޑޮމިނިގޭޒް ވިދާޅުވިއެވެ.

މި ހުށަހެޅުމާ މެދު ފީފާ އިން އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޔުއެފާ ނޭޝަންސް ލީގުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ވެސް ކޮންމެބޮލް އިން ވަނީ ފާޅުކޮށްފައެވެ. ނޭޝަންސް ލީގުގައި މިހާރު ވާދަކުރަނީ ޔޫރަޕްގެ ގައުމުތައް އެކަންޏެވެ.

ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމަކީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވެސް ގެންގުޅުއްވި ވިސްނުންފުޅެކެވެ. ނަމަވެސް އޭރު އެކަމަށް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮވާބޯޅަ

    ތިހުށައެޅުމަށް ތާއިދު މިއަދު ދުނިޔޭގައި ފުޓުބޯޅަކުރިއަރަމުން އަންނަ ނިސްބަތަށްބަލާއިރު ތިއީ ކުަރަންފެންނަކަމެއް