ނިޕޯން ގައުމީ 49 ވަނަ ޓެނިސް ޗެމްޕިއަންޝިޕްގެ އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ޒޭނާ އަބްދުލް ރަޝީދު، ފިރިހެން އޯޕަން ޗެމްޕިއަންކަން އަލީ ފާރިސް މުހައްމަދު ހޯދައިފިއެވެ.

ނިޕޯން ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތު ރޭ، މޭރީ ބްރައުން ޓެނިސް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރު، އަހުމަދު މަހުލޫފެވެ.

މިއަހަރުގެ ޓެނިސް ޗެމްޕިއަންޝިޕްގައި ރެކޯޑު 128 ކުޅުންތެރިޔަކު ވާދަކޮށްފައިވާ އިރު، މުބާރާތުގައި ނުވަ ކެޓަގަރީއެއްގައި ކުޅުންތެރިން ކުޅެފައިވެއެވެ. އިއްޔެގެ ނިންމުމުގެ ރަސްމިއްޔާތުގައި 12 އަހަރުން ދަށުގެ ހުރިހާ ކުޅުންތެރިންނަށް ހާއްސަ ހަނދާނީ ލިޔުމެއް ދީފައިވާ އިރު، މުބާރާތުގެ އެކިއެކި އުމުރުފުރާތަކުގެ ޗެމްޕިއަނުންނަށް ވަނީ ތަށްޓާއި ހަނދާނީ ލިޔުން ދީފައެވެ.

ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ޒޭނާ އަންހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަރިޔަމް ހަޝްމާ ހާނިމްއާ ވާދަކޮށް މެޗު ކާމިޔާބުކޮށްގެންނެވެ. ފާރިސް ފިރިހެން އޯޕަން ކެޓަގަރީ ކާމިޔާބު ކުރީ ފައިނަލްގައި އަހުމަދު ސާއީ ވަހީދާ ވާދަކޮށްގެނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ފާރިސްއާއި ސާއީ ހޯދި އިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒޭނާއާއި އަޔާނީ މޫސާ ކަލީމްގެ ޕެއާއެވެ. މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒޭނާއާއި ހުސައިން ނާޒިފްގެ ޕެއާއެވެ.

ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެންމެ އެކުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެ މަސައްކަތްތައް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތީ ގޮނޑީގައި އިނދެގެން މައްސޫލިއްޔަތު އަދާކުރުމަށް ނޫން ކަމަށާއި، އަބަދުވެސް ކުރާ ހިތްވާ މަސައްކަތެއްގެ ގޮތުން ޒުވާނުންގެ ދުޅަހެޔޮ ކަމާއި، ކުޅިވަރު ކުރިއެރުވުމުގައި ދެމިހުންނާނެ ކަމަށެވެ.