ޗެލްސީން ބަލިނުވެ މި ސީޒަނުގައި ފުރިހަމަކޮށްފައިވާ 18 މެޗުގެ ސިލްސިލާ އަށް ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އިން ނިމުން ގެނެސްފިއެވެ.

ޓޮޓެންހަމް އާއި ބައްދަލުކޮށް ޗެލްސީ ރޭ ބަލިވީ 1-3 އިންނެވެ. ޗެލްސީ އެންމެފަހުން މެޗަކުން ބަލިވެފައިވަނީ ސީޒަން ހުޅުވުމަށް މިދިޔަ އޮގަސްޓު މަހު ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓަރ ސިޓީ އާއި ބައްދަލުކޮށް 2-0 އިންނެވެ.

ރޭގެ މެޗުން ބަލިވުމުން 28 ޕޮއިންޓާ އެކު ޗެލްސީ މިހާރު އޮތީ ލީގުގެ ހަތަރުވަނައިގައެވެ. ރޭގެ މޮޅާއެކު 30 ޕޮއިންޓާ އެކު ލީގުގެ ތިންވަނަ އަށް ޓޮޓެންހަމް އަރާފައިވާއިރު، ލީގުގެ ދެވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ. އަދި އެއްވަނައިގައި 35 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ޓޮޓެންހަމްގެ ހޯމް މެޗުތައް ކުޅެމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ އަށްވަނަ މިނެޓްގައި ޑެލެ އަލީ ވަނީ ޓޮޓެންހަމް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 16 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ ދުރުން ފޮނުވާލި ހަމަލާއަކުން ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު މި ދެ ގޯލަށްފަހު ވެސް ޓޮޓެންހަމް އިން ވަނީ މި ހާފުގައި ޗެލްސީގެ ގޯލަށް ނުުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު ކެޕާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ. ޓޮޓެންހަމްގެ ތިންވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސޮންއެވެ. އަދި ލީޑު ފުޅާކޮށްލަން ޑެލެ އަލީ އާއި ކޭން އަށް ދެވަނަ ހާފްގެ ފަހުކޮޅު ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން އެ ދެ ކުޅުންތެރިންނަށް ވަނީ ހިފޭގޮތް ނުވެފައެވެ.

ޗެލްސީގެ ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ދެވަނަ ހާފްގައި ކުޅެން އެރި އޮލިވިއޭ ޖިރޫއެވެ.

މިއީ ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް ޓޮޓެންހަމް އިން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ޓޮޓެންހަމް އަށް އެންމެފަހުން މިކަން ތަކުރާރު ކުރެވުނީ 1987 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.