ފަހު ވަގުތު އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި ލަނޑާއެކު، ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 25 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 24 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި 23 ޕޮއިންޓާ އެކު އޮތީ ސެވިއްޔާއެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ ޓީމަކަށް ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި އެތްލެޓިކޯ އިން ވަނީ ލީޑު ނަގާފައެވެ. ކޮކޭ ނަގައިދިން ކޯނަރެއް ބޮލުން ފޮނުވާލައިގެން މި ގޯލު އެތްލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާއެވެ. މިއީ މުޅި މެޗުގައި ވެސް ބާސާގެ ގޯލާއި އަމާޒުކޮށް ކޮސްޓާ ފޮނުވާލި ހަމައެކަނި ހަމަލާވެސް މެއެވެ.

ކޮސްޓާގެ މި ގޯލާއެކު އެތްލެޓިކޯ މެޗުން މޮޅުވާން ދަނިކޮށް މެސީ ދިން ޕާހަކުން މެޗުގެ 90 މިނެޓްގައި ޑެމްބެލޭ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޑެމްބެލޭ މި ގޯލު ކާމިޔާބުކޮށްދިންއިރު އޭނާ ކުޅެން އަރާފައިވަނީ މެޗުގެ ފަހު 10 މިނެޓް ތެރޭގައެވެ. މިއީ ޑެމްބެލޭ މި ސީޒަނުގައި ކާމިޔާބުކުރި ހަތްވަނަ ގޯލެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ވިޔަރެއާލްއާއެވެ. އެތްލެޓިކޯ ނިކުންނާނީ ޖިރޯނާއާއެވެ.