ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން 10 ވަނަ ލަނޑާއެކު، އިޓާލިއަން ލީގުގައި ރޭ ސްޕަލްގެ މައްޗަށް 2-0 އިން ޔުވެންޓަސް އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 37 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ޔުވެންޓަސް އަށްވުރެ އެއް މެޗު މަދުން ކުޅެ 28 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ރޭގެ މެޗުން ބަލިވި ސްޕަލް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 28 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މިއީ ރޮނާލްޑޯ ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން 10 ވަނަ ލަނޑު ކަމަށްވާއިރު، އޭނާ ވެގެން ގޮސްފައިވަނީ ޔުވެންޓަސްގެ ތާރީހުގައި ވެސް އެ ކްލަބަށް އެންމެ އަވަހަށް 10 ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ޔުވެންޓަސް އިން ތަނަވަސްކުރިއިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ މަންޒުކިޗްއެވެ.

ފާއިތުވި ހަތް އަހަރުވެސް އިޓާލިއަން ލީގު ކާމިޔާބުކުރި ޔުވެންޓަސް 9 ޕޮއިންޓުގެ ލީޑަކާއެކު ލީގުގެ އެއްވަނައިގައި އޮތްއިރު އެޓީމު އަދި ލީގުގައި މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ޔުވެންޓަސްގެ ލީޑު ކުޑަކުރުމަށް ލީގުގެ ދެވަނައިގައި އޮތް ނަޕޯލީން މިރޭ ނިކުންނާނީ ކިއޭވޯއާއެވެ.