ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން ބަޔާން މިއުނިކް އެއްވަރުވިއިރު، ބްރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި އެޓީމުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޑޯޓްމަންޑް އޮތީ 30 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 23 ޕޮއިންޓާ އެކު ފްރެންކްފާޓް އޮތްއިރު ބަޔާން މިއުނިކް އޮތީ 21 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ފާއިތުވި ހަ އަހަރު ވެސް ޖަރުމަނު ލީގު ކާމިޔާބުކޮށްފައިވަނީ ބަޔާނުންނެވެ.

ބަޔާން ރޭ އެއްވަރުވީ ލީގުގެ 17 ވަނައިގައި އޮތް ޑުސެލްޑޯފް އާއި ބައްދަލުކޮށް 3-3 އިންނެވެ. ޑުސެލްޑޯފް އަކީ މި ސީޒަނުގެ ޖަރުމަނު ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެކެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ އެޓީމުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލު ބަޔާނަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އާއި ނިކްލަސް ސޫލާއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލުކެބަކިއޯ ވަނީ ގޯލެއް ކާމިޔާބުކޮށް ޑުސެލްޑޯފް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މެޗުގެ 58 ވަނަ މިނެޓްގައި ބަޔާން އިން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކުރިއިރު މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މުލާއެވެ. ނަމަވެސް މެޗުގެ ފަހު 15 މިނެޓްތެރޭ ޑުސެލްޑޯފް އިން ވަނީ ބަޔާން ކޮޅަށް ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ލުކެބަކިއޯއެވެ.

ޑޯޓްމަންޑް ރޭ މޮޅުވީ ރަށުން ބޭރުގައި މެއިންޒް އާއި ބައްދަލުކޮށް 1-2 އިންނެވެ. މި މެޗުގައި ޑޯޓްމަންޑުން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ޕަކޯ އަލްސެސާ އާއި ލޫކަސް ޕީޒްޗެކްއެވެ. މެއިންޒްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރޮބިން ކުއައިސަންއެވެ.

ހަތް ޕޮއިންޓުގެ ލީޑަކާއެކު ލީގުގެ އެއްވަނައިގައި ޑޯޓްމަންޑް އޮތްއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.