ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ އަށް ބަދަލުވުމުގެ ވިސްނުމެއް ނުގެންގުޅޭކަން ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް ބުނެފިއެވެ.

ހަޒާޑް ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތްއިރު އާ ކޮންޓްރެކްޓަކާ ގުޅޭގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗެލްސީން ވަނީ ހަޒާޑާއެކު މަޝްވަރާކޮށްފައެވެ. އޭގެފަހުން އަދި މިހާތަނަށް އެކަމާ ގުޅޭގޮތުން ޗެލްސީން ހަޒާޑާއެކު މަޝްވަރާކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލަން ބޭނުންވާ ކަމުގެ އިޝާރާތެއް ހަޒާޑްކޮށްފައިވާއިރު، އޭނާ ގެންދަން ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކުން ތިބީ ތައްޔާރަށެވެ.

ފްރާންސްގެ ޓީވީ ޗެނަލަކަށް ރޭ ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ މީގެކުރިން ޕީއެސްޖީ އާއެކު ކޮންމެވެސް ވަރަކަށް ވާހަކަތަކެއް ދެކެވުނު ކަމަށާއި ނަމަވެސް އެކަމަށް މާބޮޑު ޝައުގުވެރި އުފެދިފައިނުވާ ކަމަށެވެ. އަދި އަލުން އެނބުރި ފްރެންޗް ލީގަށް ގޮސްފިނަމަ ކުޅޭނީ އޭނާ ކުރިން ކުޅުނު ކްލަބު ކަމަށްވާ ލިލް އަށް އެކަނި ކަމަށްވެސް ހަޒާޑް ބުންޏެވެ. ހަޒާޑް ޗެލްސީ އަށް ބަދަލުވީ ލިލް އިންނެވެ.

"ކޮންމެވެސް ދުވަހަކުން އެނބުރި ފްރާންސަށް ދާން ޖެހިއްޖެނަމަ، އަހަރެން ކުޅޭނީ ލިލް އަށް. އެކަމަކު ފްރާންސް އަށް އެނބުރި ދިޔުމުގެ އެއްވެސް ފުރުސަތެއް މިވަގުތަކު ނެތް" ހަޒާޑް ބުންޏެވެ.

ޗެލްސީ ދޫކޮށްލައިފިނަމަ ހަޒާޑް ދިޔުން އެންމެ ކައިރީ ރެއާލް މެޑްރިޑަށް ކަމަށްވާއިރު، އޭނާ ބުނީ މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލުމަކީ ވެސް އަދި ޗެލްސީގައި މުޅި ކެރިއަރު ހޭދަކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

2012 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީއަށް ބަދަލުވީ ހަޒާޑް ވަނީ އެ ކްލަބާއެކު މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.