މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ވާހަކަ އެލެކްސިސް ސަންޗޭޒް ބުނެފައި ނުވާ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހު އާސެނަލް އިން ޔުނައިޓެޑަށް ބަދަލުވި ސަންޗޭޒް އަށް އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ވެފައިނުވާއިރު އޭނާ އަށް މި ސީޒަނުގައި މިހާތަނަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. އެ ގޯލު ސަންޗޭޒް ކާމިޔާބުކުރީ މިދިޔަ މަހުގެ ކުރީކޮޅު ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ޔުނައިޓެޑް ދައްކަމުންދާ ދަށް ކުޅުމުގެ ސަބަބުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ސަންޗޭޒް ޔުނައިޓެޑް ދޫކޮށްލަން އުޅޭ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.

މި ވާހަކަތަކާ ގުޅިގެން މޮރީނިއޯ ބުނީ ސަންޗޭޒް ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށާއި އެގޮތުން ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ވާހަކައެއް ވެސް ސަންޗޭޒް ބުނެފައިނުވާ ކަމަށެވެ.

"ޔުނައިޓެޑުގައި މަޑުކުރަން ބޭނުން ނުވާ ވާހަކައެއް ވެސް ސަންޗޭޒް އަހަރެންގެ ގާތު ބުނެފައެއް ނުވޭ. ޓީމު ކުރިއަރަމުން އަންނަ ވަރަކަށް ސަންޗޭޒް ވެސް އަންނަނީ ކުރިއެރުންތަކެއް ހޯދަމުން" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑަށް ކުޅެމުން އަންނަ ގޮތަށް ހޭނުމަށް ސަންޗޭޒް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރަށް ވުރެ ވެސް ރަނގަޅަށް ސަންޗޭޒް އަށް އަދި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މިދިޔަ ޖެނުއަރީގައި ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ އޭނާ ގެނައުމަށް ވާދަވެރި މެންޗެސްޓަރ ސިޓީން ވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ. ލީގުގައި މިހާތަނަށް 13 މެޗު ކުޅެ ނިމުނުއިރު ޔުނައިޓެޑާއި ލީގުގެ އެއްވަނައިގައި އޮތް ސިޓީއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައިނެވެ.

ޗިލީ އަށް އުފަން އުމުރުގެ 29 އަހަރުގެ ސަންޗޭޒް ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރުއެވެ.